އިސްރާއީލުގެ ސިފައިން ބަޑިޖަހައި ހުކުރު ދުވަހު ޝަހީދުކޮށްލި ފަލަސްތީންގެ ނަރުސް، ރަޒާން ނައްޖާރުގެ ޖަނާޒާއަށްފަހު ޣައްޒާ އާއި އިސްރާއީލް ގުޅޭ އިމުގައި މުޒާހަރާކުރި ފަލަސްޠީނު ރައްޔިތުންގެ ގައަށް އިސްރާއޫލުގެ އަނިޔާވެރި ސިފައިން ބަޑިޖަހައި 5 މީހަކު ޒަކަމްކޮށްލައިފިއެވެ.

ޝަހީދުކޮށްލި ނަރުސް، ރަޒާން ނައްޖާރުގެ ޖަނާޒާއަށްފަހު ޣައްޒާ އާއި އިސްރާއީލް ގުޅޭ އިމަށް އެއްވި މީހުން ވަނީ އިސްރާއީލުގެ ސިފައިންނާއި ދިމާލަށް ގާ އުކާފައެވެ.

މި މުޒާހަރާގައި މާބޮޑު ކުރިމަތިލުމެއް ނުހިނގާ މުޒާހަރާވަނީ ނިންމާލާފައެވެ. ރަޒާންގެ ޖަނާޒާ ނިމުނުތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ޣައްޒާ ތެރެއިން އިސްރާއީލަށް 2 ރޮކެޓް ވަނީ ފޮނުވާލާފައެވެ. އަދި ރައްދުގައި ޣައްޒާގެ 10 ސަރަހައްދަކަށް އިސްރާއީލުން ވަނީ ބޮން އަޅާފައެވެ.

މީގެ އިތުރުން އިއްޔެ ފަލަސްތީނުގެ ހެބްރޮން ގައި ފަލަސްތީނު ރައްޔިތެއްގެ ގަޔަށް އިސްރާއިލް ސިފައިން ވަނީ ބަޑި ޖަހައި ޝަހީދު ކޮށްލާފައެވެ.

ރަޒަންގެ ޖަނާޒާ އިއްޔެ ކުރިއަށް ގެންދިޔައިރު، ޖަނާޒާގައި އެތައް ހާސް ބަޔަކު ބައިވެރިވިއެވެ. އޭނާގެ ހަށިގަނޑުން ހޮސްޕިޓަލުން ނެރެގެން ގެންދިޔައިރު، އެތަނަށްވެސް ގިނަ އަދަދެއްގެ ބަޔަކު ޖަމާވިއެވެ.

މިޙާދިސާއާއި ގުޅިގެން ބައިނަލްއަޤްވާމީ މުޖްތަމައުން ވަނީ އިސްރާއީލުން ބާރުގެ ބޭނުންކުރުމުގައި ޙާލަތާއި ބައްދަލު ބާރުގެ ބޭނުންކުރުމަށް އަނެއްކާވެސް ގޮވާލާފައެވެ.

ފަލަސްތީނުގެ ޕެރަމެޑިކްސްގައި ހިލޭ ސާބަހަށް ކުރަމުން ދިޔަ މަސައްކަތުގެސަބަބުން އުމުރުން 21 އަހަރުގެ ނައްޖާރަށް އެތައް ބައެއްގެ ލޯބި ލިބިފައިވެ އެވެ. އޭނާގެ ހިތްވަރަށް ދިޔައީ ތައުރީފް އޮހެމުންނެވެ.

ޣައްޒާގައި މިހާރު ކުރަމުންދާ ސިލްސިލާ މުޒާހަރާގެ ތެރެއިން މިދިޔަ ހުކުރު ދުވަހު ރަޒަންގެ ގަޔަށް ބަޑި ޖަހައި ޝަހީދުކޮށްލާފައިވާއިރު އޭރުވެސް އޭނާ މަސައްކަތް ކުރަމުންދިޔައީ މުޒާހަރާގައި ޒަޚަމްވާ މީހުންނަށް ޞިއްޙީ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކައުންސެލަރު

    ޔާﷲ.
    ކުށެއްނެތް އެތައް މުސްލިމުންނެއް ޝަހީދުކޮށް، އެބައިމީހުންގެ ގެދޮރު ހަލާކުކޮށް ބައިނަލް އަޤްވާމީ އެންމެހައި މިންގަނޑުތަކާ ޚިލާފުވާ އިސްރާއީލޭ ކިޔުނު ޔަހޫދީ ހަލާކު ކުރައްވާނދޭވެ! އާމީން

  2. Anonymous

    ސާބަހޭ ދަރިޔާ