އެކި ގައުމުތަކުގައި ހަލުވި ކަމާއި އެކީ ފެތުރެމުން އަންނަ ކޮވިޑް-19 ޖެހިގެން އިނގިރޭސިވިލާތުން އިތުރު 828 މީހަކު މަރުވެއްޖެއެވެ.

އިނގިރޭސިވިލާތުން އިތުރު 828 މީހަކު މަރުވެފައިވާއިރު، ފާއިތުވި ހަތަރު ދުވަހުވެސް އެގައުމުން މަރުވި މީހުންގެ އަދަދު އުޅެނީ 1،000 އިން މަތީގައެވެ. އެގޮތުން އިއްޔެވެސް އެގައުމުން 1،014 މީހަކު ވަނީ ބަލި ޖެހިގެން މަރުވެފައެވެ.

ކޮވިޑް-19ގެ ފަހުގެ ތަފާސްހިސާބުތައް ގެނެސްދޭ ގައުމީ އިދާރާއަކުން ނެރެފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެގައުމުން ކޮވިޑް-19 ޖެހިގެން ޖުމްލަ 111,264 މީހަކު ވަނީ މަރުވެފައެވެ.

އިނގިރޭސިވިލާތަކީ ދުނިޔެއިން ފަސް ވަނައަށް އެންމެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެފައިވާ ގައުމެވެ. އެ ގައުމުގައި ކޮންމެ ދުވަހަކު ގޮތަކަށް ކޮވިޑް-19 ޖެހޭ މީހުންގެ އަދަދުތައް އުޅެނީ 20،000 އަށްވުރެ މަތީގައި ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

އެ ގައުމުން އިތުރު 19,114 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާއިރު، މިހާތަނަށް އެގައުމުން އެންމެ ގިނަ މީހުން އެއް ދުވަސްތެރޭގައި ފައްސިވެފައިވަނީ މިމަހުގެ 8 ވަނަ ދުވަހުއެވެ. އެދުވަހު އެގައުމުން 68،053 މީހަކު ވަނީ މި ބައްޔަށް ފައްސިވެފައެވެ.

އެ ގައުމުގައި ކޮވިޑް-19 އަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 3,911,573 އަށް އަރާފައެވެ. އެގައުމުން މިހާތަނަށް 1,862,645 މީހަކު ބަލިން ރަނގަޅުވެފައިވާއިރު، މިވަގުތު ބަލި ޖެހިގެން ފަރުވާ ދެމުން އަންނަނީ 1,937,664 މީހަކަށެވެ. އޭގެ ތެރެއިން 3,625 މީހަކަށް ފަރުވާ ދެމުން އަންނަނީ ހާލު ބަލި ވެގެން ނުވަތަ އައިސީޔުގައެވެ.

އެގައުމުގެ އޮފިޝަލުން ބުނެފައިވަނީ އެގައުމުގެ ހަލުވި ކަމާއި އެކީ ކޮވިޑް-19 ފެތުރެން ފަށާފައިވަނީ ކޮވިޑް-19ގެ އާ ވައްތަރުތައް އެގައުމުގައި ފެތުރޭތީ ކަމަށެވެ.

އިނގިރޭސވިލާތުގައި ކޮވިޑް-19 ހަލުވި ކަމާއި އެކީ ފެތުރެމުން އަންނާތީ އެގައުމުން މިހާރު ވަނީ ވެކްސިން ދިނުމުގެ ޕްރޮގްރާމެއް ފަށާފައެވެ. މި ޕްރޮގްރާމުގެ ދަށުން މިހާތަނަށް 10 މިލިއަނަށްވުރެ ގިނަ މީހުންނަށް އެގައުމުން ވަނީ ވެކްސިން ދީފައެވެ.