އިނގިރޭސި ވިލާތުގެ ކެންޓަބެރީ އާއި ނޯވިޗްގެ ސަރަހައްދުތަކަށް މިއަދު ފިނީގެ ވަރުގަދަ ތޫފާނެއް އަންނަން އުޅޭ ކަމަށް މޫސުމާބެހޭ އިދާރާ އިން ހާމަކޮށްފިއެވެ. މޫސުމާ ބެހޭ ގައުމީ އިދާރާ އިން ލަފާ ކުރާ ގޮތުން އަންނަ ހަފްތާގައި އެ ގައުމުގެ މޫސުން އިތުރަށް ގޯސްވާނެއެވެ.

ސްނޯ އާއި ފިނީގެ ސަބަބުން ބުދަ ދުވަހާ ހަމައަށް އިނގިރޭސި ވިލާތުގެ ގިނަ ސަރަހައްދުތަކުގައި ވަނީ ރީނދޫ ސަމާލު ނެރެފައެވެ.

މޫސުމާ ބެހޭ އިދާރާގެ ޗީފް މީޓިރިއޮލޮޖިސްޓެއް ކަމަށްވާ ޕޯލް ގުންޑާސެން ބުނެފައިވަނީ ކުރިއަށް އޮތް ހަފްތާއާ ހަމައަށް ސްނޯ އާއި ފިނީގެ އަސަަރު އިނގިރޭސި ވިލާތުގެ އެކިހިސާބުތަކަށް ކުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި މީގެ އިތުރުން އާދީއްތަ ދުވަހު މުޅި އިނގިރޭސި ވިލާތަށް ގަދަ ފިނީގެ އަސަރު ކުރާނެ ކަމަށް އޭނާ ބުންޏެވެ.

ބައެއް ސަރަހައްދުތަކުގައި ސްނޯ ފެތުރިފައިވާ އިރު 5-10 ސެންޓިމީޓާއަށް ހުންނާނެ ކަމަށާއި އަނެއް ބައި ސަރަހައްދު ތަކުގައި 20 ސެންޓިމީޓާއަށް ހުންނަަނެ ކަމުގައި އޭނާ ބުންޏެވެ.

ފުރަބަންދުގެ ގަވާއިދާ އެއްގޮތަށް ޒަރޫރީ ބޭނުންތަކުގައި ނޫން ގޮތަކަށް ގެއިން ބޭރަށް ނުދިއުމަށް އެ ގައުމުން ވަނީ ގޮވާލައިފައެވެ.

ގައުމުގެ މުޅި ހިސާބުތަކުގައި ފިނީގެ ކަންތައް ބޮޑުވެގެން ގޮސްފައިވުމާ ގުޅިގެން އިނގިރެސިވިލާތުގެ ސިއްހަތާ ބެހޭ ފަރާތްތަކުން އިލްތިމާސް ކޮށްފައިވަނީ އުމުރުން ދުވަސް މީހުންނަށް ފަރުވާތެރިވުމަށާއި ކާރުތަކުގައިވެސް ކޮންމެހެން ކުރަންޖެހޭ ދަތުރުތަށް ނޫނީ ނުކުރުމަށެވެ.