ކޮވިޑް-19 ޖެހިގެން އެމެރިކާ އިން އިތުރު 2،730 މީހުން މަރުވެއްޖެއެވެ.

އެމެރިކާގެ ތަފާސް ހިސާބުތަކަށް ބަލާ އިރު، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި މަރުވި މީހުންނާ އެކު، އެ ގައުމުގައި ބަލި ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 473,528 އަށް އަރައިފައެވެ. އަދި އިތުރު 105,983 މީހަކު ފައްސިވެ ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 27,519,636 އަށް އަރައިފައެވެ.

އެމެރިކާގައި ކޮވިޑް-19 ބަލި ޖެހިގެން ރަނގަޅުވެފައި ވަނީ 17,268,517 މީހުންނެވެ.

އޭގެ ތެރެއިން 9,777,591 މީހަކަށް ފަރުވާދެމުން އަންނަ އިރު، 22,406 މީހެއްގެ ހާލު ސީރިއަސްއެވެ.

އެމެރިކާއަކީ ދުނިޔޭގެ ގައުމުތަކުގެ ތެރެއިން އެންމެ ބޮޑަށް ކޮވިޑް-19 ފެތުރިފައި އޮތް ގައުމެވެ.

ދުނިޔޭގެ އެކިކަންކޮޅުތަކުގައި މިހާތަނަށް 106 މިލިއަނަށް ވުރެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވެ ދެ މިލިއަނަށް ވުރެ ގިނަ މީހުން ވަނީ ބަލީގައި މަރުވެފައެވެ. މި ބަލި ޖެހުނު މީހުންގެ ތެރެެއިން 77 މިލިއަނަށް ވުރެ ގިނަ މީހުން ވަނީ ރަނގަޅުވެފައެވެ.