ދެކުނު ކޮރެއާގައި ކާރު އުފައްދާ ދެ ކުންފުނި ކަމަށްވާ ހިޔުންޑާ އާއި ކިޔާ އިން އެޕަލް ކާރު އުފައްދަން އުޅޭ ކަމަށް ފެތުރުރިފައިވާ އަޑުތައް ދޮގުކޮށްފިއެވެ.

އެތައް ފަހަރެއްގެ މަތީން މީޑިއާ އިން އެޕަލް ކުންފުންޏާއި ހިޔުންޑާއި އާއެކު ކާރު އުފެއްދުމަށް އެއްބަސްވުންތައް ހަދަން އުޅޭ ވާހަކަތައް ފެތުރިފައިވާ އިރު، ހިޔުންޑާއި ބުނީ އެކުންފުންޏާއި އެކު އެއްވެސް އެއްބަސްވުމެއް ނަހަދާ ކަމަށެވެ.

އެޕަލް އާއި ދެކުނު ކޮރެއާގައި ދެ ކުންފުންޏަކާއެކު ކާރު އުފައްދަން އުޅޭ ވާހަކަތަކުގެ އަޑު ފުރަތަމަ ފެންމަތިވީ ޖަނަވަރީ މަހުގައެވެ. އަދި އެ މަހުގައި ހިޔުންޑާގެ ހިއްސާ 8.4 އިންސައްތަ ދަށްވެ ކިޔާގެ ހިއްސާ 14 އިންސައްތަ ދަށްވިއެވެ.

މީޑިއާތަކުން ރިޕޯޓު ކުރާ ގޮތުގައި އެޕަލް ގެ ކާރު އުފެއްދުމަށް ދެކުނު ކޮރެއާގެ ކުންފުނިތަކުން މަސައްކަތް ކުރަން ޖެހެނީ އެމެރިކާގައި ހުންނަ ކާރުހާނާއެއްގައެވެ. އަދި 2024 ވަނަ އަހަރާ ހަމައަށް 100،000 ކާރު އުފައްދާނެ ކަމަށްވެސް އަޑުފެތުރުނެވެ.

ކާރުތައް އުފެއްދުމަށް އެޕަލް އިން ހަތަރު ޓްރިލިއަން ވޮން ނުވަތަ 3.6 ބިލިއަން ޑޮލަރު އިންވެސްޓު ކުރުމަށް އޮތީ ނިންމައިފައެވެ.

ހިޔުންޑާއިން އެޕަލްގެ އެއްބަސްވުން ގަބޫލު ނުކުރީ އިތުރު ކުންފުންޏަކާއެކު މަސައްކަތްކޮށް އެ ކުންފުނީގެ ބްރޭންޑުގެ ނަން ހުތުރުވުމުގެ ބިރު އޮވެދާނެތީ އެވެ.

އެޕަލް އިން ވަނީ ހިޔުންޑާއި އާއި ކިޔާގެ އިތުރުން ޖަޕާނުގެ ކާރު އުފައްދާ ހަ ކުންފުންޏަކާއި އެކު އެޕަލް ކާރު އުފެއްދުމުގެ އެއްބަސްވުންތަކުގެ ވާހަކަތައް ދައްކާފައެވެ.