ކޮވިޑް-19 ލީކް ވެފައި ވަނީ ޗައިނާގެ ލެބަކުން ކަމަށް ނުބެލެވޭ ކަމަށް ދުނިޔޭގެ ސިއްހަތި ޖަމިއްޔާ (ޑަބްލިވްއެޗްއޯ)ގެ ތަޖުރިބާކާރުން ބުނެފިއެވެ.

ގިނަ ބަޔަކު ވައިރަސް ލީކުވެފައިވަނީ ޗައިނާގެ ލެބަކުން ކަމަށް ބުނެފައިވާތީ ޑަބްލިވްއެޗްއޯގެ ތަޖުރިބާކާރުންގެ ޓީމަކުން ވަނީ އެގައުމަށް ގޮސް ވައިރަސް ފެތުރެން މެދުވެރިވި ގޮތް ބަލައި ތަހުގީގު ކޮށްފައެވެ. މި ތަހުގީގު ތެރެއިން އެ ޓީމުން ބުނެފައިވަނީ ވައިރަސް ލީކުވެފައިވަނީ ލެބަކުން ކަމަށް ބުނަން އެއީ ވަރަށް ދަތި ކަމަށެވެ.

އެކަން އެގޮތަށް ވުމާއި ގުޅިގެން އެ ޓީމުގެ ލީޑަރު ޕީޓަރ އެމްބަރަކް ބުނެފައިވަނީ ބަލި އެގައުމަށް އެތެރެވެފައިވަނީ ފިނިކުރި މަހުން ކަމަށް ބެލެވޭ މައްސަލަ އިތުރަށް ތަހުގީގު ކުރަން ޖެހޭ ކަމަށެވެ. އެއީ މީގެ ކުރިން ބަލި އެންމެ ފުރަތަމަ ފެނިފައިވަނީ ވުހާންގެ މާރުކޭޓަކުން ކަމަށްވާތީއެވެ.

އޭނާ ވަނީ ވުހާން ނުވަތަ ޗަައިނާގެ އެއްވެސް ހިސާބެއްގައި 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ކުރިން ވައިރަސް ފެތުރިފައިވާ ކަމުގެ އެއްވެސް ހެއްކެއް ފެންނާކަށް ނެތް ކަމަށް ބުނެފައެވެ. އޭނާ ބުނީ، އޭގެ ކުރިން ދުނިޔޭގެ އެހެން ހިސާބުތަކުގައި އެ ވައިރަސް ފެތުރުނު ކަމަށެވެ.

މިކަމާއި ގުޅިގެން ޗައިނާގެ ވުހާން ސިޓީގެ ތަޖުރިބާކާރުންގެ ޓީމުގެ އިސްވެރިޔާ ލިއަން ވިނިއަން ބުނެފައިވަނީ ކޮވިޑް-19 ފެތުރެން ފަށާފައިވަނީ ޖަނަވާރުންގެ ފަރާތުން ކަމަށް ބެލެވިފައިވީނަމަވެސް، އަސްލު ބަލި ފެތުރެން ފަށާފައިވަނީ ކިހިނެތްކަން އަދި އެނގިފައި ނުވާ ކަމަށެވެ.

އެގޮތުން އޭނާ ބުނީ، ފިނި ކޮށްފައި ހުންނަ ތަކެތީގައި ގިނަ ދުވަހަށް އެ ވައިރަސް ހުރުމުގެ ފުރުސަތު ބޮޑު ކަމަށާއި އެހެން ކަމުން ޗައިނާއިން ބަލި ފެނިފައިވަނި އެގައުމަށް އެތެރެކޮށްފައިވާ ތަކެތިން ކަމަށް ބެލެވޭ ކަމަށެވެ.

ޗައިނާގައި 2009 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރަމުން އަންނަ ޑަބްލިވްއެޗްއޯގެ ތަޖުރިބާކާރެއް ކަމަށްވާ ބެން އެމްބަރަކް ބުނެފައިވަނީ ވައިރަސް ފުރަތަމަ ފެތުރެން ފަށާފައިވަނީ ޗައިނާގެ ވުހާން ސިޓީން ކަމަށް ބުނެ އެކަމަށް ބާރުދޭ ވަރުގެ ހެއްކެއް މިހާތަނަށް އަދި ލިބިފައި ނުވާ ކަމަށެވެ.