އުފާވެރި ދިރުއުޅުމެއްގައި ދިރިއުޅެމުން އައި ކައިވެންޏަށް 70 އަހަރުވެފައިވާ ދެމަފިރިން ކޮވިޑް-19 ޖެހިގެން މަރުވެއްޖެއެވެ.

އުމުރުން 91 އަހަރުގެ މާގަރެޓް އާއި ޑެރެކް ފާތް މަރުވެފައިވަނީ އިނގިރޭސިވިލާތުގެ ޓްރަފޯޑް ޖެނެރަލް ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަނިކޮށް މިދިޔަ ހަފްތާގެ ތެރޭގައެވެ. އެމީހުން މަރުވުމުގެ ކުރިން އެކަކު އަނެކަކު ފެނި ފަހު ވަގުތު އަތުގައި ހިފި ކަމަށް ޑޮކްޓަރުންނާއި ހަވާލާދީ މީޑިއާތަކުން ވަނީ ބުނެފައެވެ.

ކޮވިޑް-19 ޖެހިގެން އެންމެ ފުރަތަމަ ޑެރެކް އަށް ފަރުވާ ދެމުން ގޮސްފައިވަނީ އެހެން ހޮސްޕިޓަލެއްގައެވެ. އެހެން ނަމަވެސް އޭނާ ޓްރަފޯޑް ހޮސްޕިޓަލަށް ބަދަލުކޮށްފައިވަނީ އޭނާގެ އަނބިމީހާ އެތަނުގައި ބާއްވާފައި އޮންނާތީއެވެ.

އޭނާ އަނބިމީހާ އޮތް ހޮސްޕިޓަލަށް ދިއުމުން އަނބިމީހާ އޭނާގެ ކައިރިން "ކޮންތާކު އުޅެފަ ތިއައީ" މިފަދައިން އަހާފައިވާ ކަމަށް އެމީހުންގެ އަންހެން ދަރިފުޅު އާއި ހަވާލާދީ މީޑީއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.

ކޮވިޑް-19 ޖެހިގެން ޑެރެކް މަރުވެފައިވަނީ މިދިޔަ މަހުގެ 31 ވަނަ ދުވަހުއެވެ. މާގަރެޓް މަރުވެފައިވަނީ އޭގެ ދެދުވަސް ފަހުންނެވެ.

އެދެމަފިރިން އެންމެ ފުރަތަމަ އެޑްމިޓް ކޮށްފައިވަނީ ސިއްހީ މައްސަލަތަކެއް ދިމާވެގެންނެވެ. އެމީހުންނަށް ކޮވިޑް-19 ޖެހިފައިވަނީ އޭގެ ފަހުން ހޮސްޕިޓާ ތެރެއިން ކަމަށް ތުހުމަތުތަކެއް ކުރެވެއެވެ.

އެ ދެމަފިރިން މަރުވެގެން ދިޔައިރު، ޖުމްލަ 5 ކުދިން އެމީހުންގެ ތިއްބެއެވެ. އަދި އެކުދިންގެ 11 ކުދިން ތިބޭ ކަމަށްވެސް މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.