ކޮވިޑް-19 އާ ގުޅިގެން ބަޙްރެއިންގައި ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލައިފިއެެވެ.

ބަޙްރެއިން އިން ވަނީީ ދީނީ އަޅުކަން ކުރުމަށް އެއްވާ އެއްވުންތަކާއި، ނަމާދުކުރުމަށް ޖަމާއަތް ހެދުން ފަދަ ކަންކަން ދެ ހަފްތާގެ މުއްދަތަށް މެދުކަނޑާލާފައެވެ.

ފެބްރުއަރީ 11 ވަނަ ދުވަހުން ފެށިގެން އަޅަން ފަށާ އެ ފިޔަވަޅުތަކަކީ ކޮވިޑް-19 އާއި ގުޅިގެން ރައްކާތެރިކަމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކެކެވެ.

އަންގާރަ ދުވަހު މީޑިއާގައި އެ ގައުމުގެ ެޖަސްޓިސް، އިސްލާމިކް އެފެއާޒް އެންޑް އެންޑޯމެންޓްސް މިނިސްޓްރީ އާއި ހަވާލާ ދީ ބުނެފައި ވަނީ ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލާ މުއްދަތުގައި، ހުކުރު ހުތުބާ އާއި ނަމާދު ވަގުތުން ދުރަށް ދައްކާނެ ކަމަށެވެ/ ހުކުރު ކުރާނީ މަދު ބަޔަކާއި އެކު ކަމަށް ވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ބަޙްރެއިން އިން މިހާތަނަށް ކޮވިޑް-19ގެ 108،807 ވޭދަނަ ވަނީ ފެނިފައެވެ. އޭގެ ތެރެއިން 102،289 މީހުން ވަނީ ބަލިން ފަސޭހަވެފައެވެ. ބަޙްރެއިންގައި މި ބަލިގެހިގެން 387 މީހުން ވަނީ މަރުވެފައެވެ.

އިސްލާމީ އެހެން ޤައުމުތަކުގައި ވެސް ކޮވިޑްގެ ވޭދަނަތައް ފެނުމުން މިސްކިތްތައް ބަންދު ކުރުމުގެ ފިޔަވަޅުތައް ވަނީ އަޅާފައެވެ.

ސައުދި އަރަބިއްޔާގައިވެސް ކޮވިޑްގެ 28 ވޭދަނައެއް ފެނުމުން މިސްކިތެއް ވަނީ ބަންދުކޮށްފައެވެ. އަޅުކަން ކުރަން މިސްކިތަށް ދިޔަ މީހުންގެ މެދުގައި ބަލި ފެތުރިގެން މިސްކިތްތަައް ބަންދުކޮށް ސަލާމަތީ ފިޔަވަޅުތައް ވަނީ ވަރުގަދަކޮށްފައެވެ. ބަންދުކޮށްފައިވާ މިސްކިތްތައް އަލުން ހުޅުވާލާނީ އެކަށީގެންވާ މިންވަރަށް ސެނިޓައިޒްކޮށް، ރައްކާތެރިކަން ކަށަވަރުވުމުން ކަމަށް އެ ޤައުމުގެ އިސްލާމިކް މިނިސްޓްރީއިން ބުނެއެވެ.

އެ ގައުމުގައި ބަންދު ކުރި 22 މިސްކިތުގެ ތެރެއިން 6 ތަން މިހާރު ވަނީ ހުޅުވާފައެވެ.