ފިނި މޫސުމުގައި ޤައުމުން ބޭރަށް ދާން ބޭނުންވާ ޔޫރަޕްގެ މީހުންނާއި، ހަރުކަށި ފުރަބަންދުގެ އުސޫލުތަކާއި ދުރަށް ދާން ބޭނުންވާ ރާއްޖޭގެ އެތައް ބަޔަކު ވަގުތު ހޭދަކޮށްލަން ބޭނުންވި އެއް ތަނަކީ ދުބާއިއެވެ. އެތައް ބަޔަކު ދުބާއީ އަށް ފާއިތުވި ދުވަސްތަކުގައި ދަތުރު ކުރި އިރު އޭގެ ތެރޭގައި އިންސްޓަގްރާމް ގިނަ ބައެއްގެ ސަމާލުކަން ހޯދާފައިވާ މީހުންނާއި މަޝްހޫރު އެތައް ބަޔަކު ހިމެނެއެވެ.

އެފަދަ ފަރާތްތަކުން ފިޔަވައި ދުބާއީގެ ހާލަތު ކައިރިން އެނގޭނެ އެއްވެސް ބަޔަކު ނެތެވެ. އެތަނުގައި ކޮވިޑް-19ގެ ވޭދަނަތައް އިތުރުވުމާއި ހޮސްޕިޓަލްތައް ފުރުމުގެ އިންޒާރު އަޑުއިވޭނެ ބަޔަކީވެސް ހަމަ އެތަނަށް ޒިޔާރަތް ކުރާ މީހުންނެވެ.

ދުބާއީއަށްދާ ބައެއް ގައުމުތަކުގެ މީހުން ކަރަންޓީނު ވާން ނުޖެހޭ ގޮތަށް އެގައުމުން އިއުލާން ކުރުމާއި އެކީ އެގައުމުގެ ހާލަތު ވަނީ ގޯސްވާން ފަށާފައެވެ.

ދުބާއި އަށް ދަތުރު ކުރި އެތައް ހާސް ބަޔަކާއި އެކު، ކޮވިޑް-19އިގެ ވޭދަނަތައް އިސާހިތަކު އިތުރުވިއެވެ. އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ނުކަތާ މިދިޔަ ނޮވެމްބަރު މަހުން ފެށިގެން މެދު ނުކެނޑި އެ ޤައުމުގައި ބަލި ޖެހޭ މީހުންގެ އިންސަތަ ދިޔައީ އިތުރުވަމުންނެވެ. ދުބާއީ މިވަގުތު ވަނީ ދަތުރު ކުރުން ނުރައްކާތެރި މަންޒިލަކަށް ބަދަލުވެފައެވެ.

ކޮވިޑް-19 ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރިފައިވާއިރު، އެންމެ ފުރަތަމަ ފަތުރުވެރިންނަށް ހުޅުވާލި އެއްގައުމުގެ ތެރޭގައި ދުބާއީ ހިމެނެއެވެ. އެހެން ނަމަވެސް މިހާރު އެގައުމުގެ މި ބަލީގެ ވޭދަނަތައް އިތުރުވެ، ހާޅަތު ގޯސްވުމުގެ ސަބަބުން ވަނީ އެގައުމަށް ދަތުރު ކުރުމުގެ އުސޫލުތައް ހަރުކަށި ކުރަން ފަށާފައެވެ.

މިދިޔަ މަހުގެ ތެރޭގައި އެކުވެރި އަރަބި އިމާރާތުގައި ކޮވިޑް ވޭދަނަތައް 80،000 އިން 290،000 އަށް ވަނީ އިތުރުވެފައެވެ. އޭގެ ފަހުން ދުވާލެއްގެ މައްޗަށް 4،000 ވޭދަނަ ފެންނަ ކަމަށް މީޑިއާ ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

އެގައުމުގެ ޑޯކްޓަރަކު ބުނެފައިވަނީ ކޮވިޑް-19ގެ ވޭދަނަތައް އޮގަސްޓް މަހުގެ ތެރޭގައި އުޅުނީ ވަރަށް ދައްކޮށް ކަމަށާއި އެހެން ނަމަވެސް ސެޕްޓެމްބަރު މަހުން ފެށިގެން ގޮސް ޑިސެމްބަރ މަހާއި ހަމައަށް ކަންބޮޑުވާ މިންވަރަށް ވޭދަނަތައް އިތުރުވަމުން އައި ކަމަށެވެ.

ދުބާއީގެ އާބާދީގެ 85 އިންސައްތަ މީހުންނަކީ އެހެން ގައުމުތަކުން ދަތުރުކޮށްފައިވާ މީހުންނެވެ. އޭގެ ތެރެއިން ގިނަ ބަޔަކު ވަނީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި އެމީހުންގެ ގައުމުތަކަށް ޒިޔާރަތް ކޮށްފައެވެ.