ފްރާންސްގެ ބާރުގެ ދަށުގައިވާ ނިއު ކެލިޑޯނިއާ ކައިރިން ކަނޑުގެ ސަރަހައްދަށް ބާރުގަދަ ދެ ބިންހެލުމާއި ގުޅިގެން ސުނާމީއެއް އުފެދުމާއި ގުޅިގެން އޮސްޓްރޭލިއާގެ ކަމާބެހޭ އިދާރާތަކުން އެލާޓަށް އަތުވެއްޖެ އެވެ

އޮސްޓްރޭލިއާ ކައިރިއަށް އައި މި ބިންހެލުންތަކުގެ ތެރެއިން ފުރަތަމަ ހެލުމަކީ ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގެ ބިންހެލުމެކެވެ. އަދި އޭގެ ގަޑިއެއްހާއިރު ފަހުން އުފެދުނު ދެވަނަ ބިންހެލުމކީ ރިކްޓަރ މިންގަނޑުން 7.7 ގެ ބާރުމިނުގެ ބިންހެލުމެކެވެ.

އޮސްޓްރޭލިއާގެ މީޓިއޮރޮލޮޖީ ބިއުރޯއިން ދާދި ދެންމެއަކި ކުރި ޓްވީޓެއްގައި ބުނީ "ސުނާމީއެއް އުފެދިފައިވާ" ކަމަަށެވެ. އޮސްޓްރޭލިއާގެ ސުނާމީ ވާނިން ސެންޓަރުން ވަނީ އޮސްޓްރޭލިއާގެ ޖަޒީރާ ރަށެއް ކަމަށްވާ ލޯޑް ހޯ އައިލޭންޑްސްއަށް ސުނާމީގެ އިންޒާރު ދީފައެވެ. ނަމަވެސް އަދި މިހާތަނަށް އޮސްޓްރޭލިއާގެ މައި ބިމަށް ސުނާމީގެ އިންޒާޜު ދީފައެއް ނުވެއެވެ.

ލޯޑް އައިލޭންޑްސް އާއި އޮސްޓްރޭލިއާގެ މައި ބިމާ ހުރި ދުރުމިން

"ކަނޑުގެ ލޮނުގަނޑު އުސްމިން ބަލާ ސިސްޓަމްތަކަށް ބާނިތަކެއް އުފެދުނުކަން ރެކޯޑު ކުރެވިއްޖެ، ބިންގަނޑު ތިރި ސަރަހައްދުތަކާއި އަވަހަށް ފެންބޮޑުވާ ސަރަހައްދުތަކުން ވީހާވެސް އަވަހަށް އެއް ކިލޯމީޓަރު ދުރުމިނުގެ އެހެން ހިސާބުތަކަށް ނުވަތަ އުސް ތަނަކަށް ދިއުމަށް ގޮވާލަން، އެ ސަރަހައްދުގައި ދުއްވާ އެއްޗެހި ދުއްވާ މީހުން ވީހާވެސް އަވަހަށް ސަލާމަތްކަން ހޯދުމަށް ގޮވާލަން، ސުނާމީގެ ކަންކަން ވަރަށް ކައިރިން މިދަނީ ބަލަމުން " ސުނާމީ ވާނިން ސެންޓަރުން ނެރުނު ބަޔާނުގައި ވެއެވެ.

ލޯޑް ހޯ އައިލޭންޑްސް އަކީ އޮސްޓްރޭލިއާގެ އުތުރު އިރުމަތީ ސަރަހައްދުގައި އޮންނަ ރަށެކެވެ. މި ރަށުގައި ދިރިއުޅޭ ޖުމްލަ ރައްޔިތުންގެ އަދަދަކީ 382 އެވެ.