ކޮވިޑް-19 ހަލުވި ކަމާއި އެކީ ފެތުރެމުން އަންނާތީ ސައުދީ އަރަބިއްޔާގެ 32 މިސްކިތެއް ބަންދު ކޮށްފިއެވެ.

ސައުދީ އަރަބިއްޔާގެ އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ މިސްކިތްތައް ބަންދު ކޮށްފައިވަނީ އެގައުމުގެ އެކި ސިޓީތަކުގައި ކަމަށެވެ. އެހެން ނަމަވެސް އެއީ ކޮން ސިޓީތަކެއް ކަމަށް ހާމަ ކޮށްފައެއް ނުވެއެވެ.

މިނިސްޓްރީން ބުނީ، ކޮވިޑް-19ގެ ވޭދަނަތައް އިތުރުވަންޏާ މިސްކިތްތައް ބަންދު ކުރުން ލަސް ނުކުރާނެ ކަމަށެވެ. އަދި މިސްކިތްތަކުގައި ސަލާމަތީ ފިޔަވަޅުތައް އެޅުމަށްވެސް ވަނީ އަންގާފައެވެ.

ކޮވިޑް-19 ހަލުވި ކަމާއި އެކީ ފެތުރެމުން އަންނާތީ އެގައުމުން ވަނީ އަޅާފައިވާ ފިޔަވަޅުތައް ވަރުގަފަ ކޮށްފައެވެ. އެގޮތުން އާންމުންނަށް ހިދުމަތްދޭ ތަންތަން ބަންދު ކުރުމާއި ވޭދަނަތައް ތިރި ކުރުމަށް ވަނީ އެކި ފިޔަވަޅުތައް އަޅާފައެވެ.

އެގައުމުގެ އެކި އިދާރާތަކުން ވަނީ އެފަދަ އުސޫލުތަކަށް ތަބާނުވާ މީހުންނާއި ދޭތެރޭ ފިޔަވަޅައި އަޅާފައެވެ.

ސައުދީގައި ޖުމްލަ 32 މިސްކިތް ބަންދުކޮށްފައިވާއިރު، އިއްޔެވެސް އެގައުމުން ވަނީ އެކި ސިޓިތަކުގައި ހިމެނޭ 10 މިސްކިތެއް ބަންދު ކޮށްފައެވެ. އިއްޔެ އެގައުމުން މިސްކިތްތައް ބަންދު ކުރަން ނިންމި ކަން ހާމަ ކުރަމުން އިސްލާމިކް މިނިސްޓްރީން ބުނީ މިސްކިތްތައް ވަގުތީ ގޮތުން ބަންދު ކުރުމަށް ނިންމާފައިވަނީ ބަލީގެ ޝިކާރައަކަށް މިސްކިތްތަކުގެ އިމާމުންނާއި ނާމާދު ކުރާ މީހުން ވެފައިވާތީ ކަމަށެވެ.

އެގައުމުގެ މިސްކިތްތައް ބަންދު ކުރުމަށްފަހު އަލުން ހުޅުވާލުމަށް މިހާރު އަންނަނީ ޑިސްއިންފެކްޓް ކުރަމުންނެވެ.

ސައުދީ އަރަބިއްޔާއިން މިހާތަނަށް ކޮވިޑް-19 ޖެހިގެން 371،356 މީހަކު ރިޕޯޓް ކޮށްފައިވާއިރު، އެގައުމުން މި ބަލި ޖެހިގެން 6،415 މީހަކު ވަނީ މަރުވެފައެވެ.