މުޅި ދުނިޔެއަށް މިވަގުތު ކުރިމަތިވެފައިވާ ކޮވިޑް-19ގެ ބަލި މަޑުކަމުގެ ސަބަބުން އެންމެ ބާރު ބޮޑުވެފައިވާ ތަނަކީ ގައުމުތަކުގެ ހޮސްޕިޓަލްތަކެވެ. ބަލި މީހުން ގިނަވެ، ފަރުވާ ދެވޭނެ ގޮތް ހުސްވެފައިވާ މަންޒަރާއި، ފަރުވާ ނުދެވި މީހުން މަރުވާ ވާހަކައަކީވެސް އަބަދުވެސް އަޑުއިވެމުން އަންނަ އެއް ވާހަކައެވެ. އެއީ ދުނިޔޭގެ ސިއްހީ ނިޒާމު ރަނގަޅު ކަމަށް ދައުވާ ކުރާ ގައުމުތަކުގެވެސް ހާލަތެވެ.

ކޮލަމްބިއާއަކީ ދުނިޔެއިން 11 ވަނަ އަށް ކޮވިޑް-19 އަށް އެންމެ ގިނަ މީހުން ފައްސިވެފައިވާ ގައުމެވެ. އެގައުމުގައި މި ބަލި ޖެހޭ މީހުންގެ އިންސައްތަ އިތުރުވެފައިވަނީ ނުވަތަ ބަލީގެ ދެވަނަ ރާޅެއް އަރާފައިވަނީ މިދިޔަ މަހުގެ ތެރޭގައެވެ. އެގޮތުން މިދިޔަ މަހު ދުވާލެއްގެ މައްޗަށް 10,000 ވުރެ ގިނަ މީހުން އެގައުމުން ބަލި ޖެހިގެން ވަނީ ރިޕޯޓް ކޮށްފައެވެ. އަދި ބަލި ޖެހިގެން 300 އަށްވުރެ ގިނަ މީހުން ކޮންމެ ދުވަހެއްގެ ގޮތަށް މަރުވެއެވެ.

މިގޮތަށް ބަލި ޖެހޭ މީހުން ގިނަވެ، މަރުވަނީ ސިއްހީ ނިޒާމު ފެއިލް ވެފައިވާތީއެވެ. ބަލި ޖެހުނަސް އެޑްމިޓް ކޮށްގެން ފަރުވާ ދޭން ޖެހޭ ވަރު ނުވެދާނެ ކަމަށް ހީކޮށްގެން ތިބި ކޮލަމްބިއާގެ ސިއްހީ މާހިރުންނަށް އެންމެ ފަހުން ޖެހުނީ މުޅި ދުވާލު އެއްކޮށް ގޮތަށް މަސައްކަތް ކުރާށެވެ. ހޮސްޕިޓަލްތަކަށް ގެންނަ ބަލި މީހުން އެޑްމިޓް ކުރާނެ ތަނެއް ނެތިގެން ބައެއް ހޮސްޕިޓަލްތަކުގެ ކުޑަކުދިން އެޑްމިޓް ކުރާ ތަންތަންވެސް އެހެން ތަނަކަށް ބަދަލުކޮށް އެތަން ކޮވިޑް ޖެހޭ މީހުންނަށް ވެންޓިލޭޓަރުގައި ފަރުވާ ދޭންވެސް ބޭނުން ކުރިއެވެ. މިއީ އެގައުމުން އުއްމީދު ކޮށްގެން ތިބި ގޮތެއް ނޫނެވެ.

އެގައުމުގެ ސިއްހީ މާހިރުން ބުނެފައިވަނީ މިދިޔަ މަހަކީ އެންމެ ބުރަކޮށް މަސައްކަތް ކުރަން ޖެހުނު މަސް ކަމަށާއި ދުވާލެއްގެ މައްޗަށް 10 ނުވަތަ 15 ގަޑިއިރުވަންދެން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އެގޮތަށް މަސައްކަތް ކުރާއިރު ވަރުބަލިވާ ކަމަށާއި އެހެން ނަމަވެސް ކެއްކޮށްގެން ބަލި މީހުންނަށް ވަނީ ފަރުވާ ދީފައެވެ.

އެތަންތަނުގެ އައިސީޔޫތައް ކައިރިވެއްޖެނަމަ، ކުޑަހިދުކޮޅަކަށްވެސް ނުހުއްޓި ބަލި މީހުންގެ ގަޔަށް ގުޅާފައިވާ މެޝިންތަކުގެ ބިރުވެރި އަޑުއިވެއެވެ. އާންމު ހާލަތުގައި ނަމަ، މިގޮތަކަށް މި އަޑު ނީވޭނެއެވެ. މެޝިންތަކުގައި ތިބޭ މީހުންގެ އާއިލީ މީހުންނަށްވެސް އެމީހުން ހޮސްޕިޓަލަށް ގެންނަފަހުން ފެންނަނީ މަދު ފަހަރެއްގައެވެ.

ކޮވިޑް-19 ޖެހޭ މީހުން ހަމަ އެކަނި މަރުވަނީއެއް ނޫނެވެ. ބަލި ޖެހިގެން ފުރަތަމަ މީހާ އެކަހެރި ކޮށްލަނީއެވެ. އެއީ ވެސް ޓޭޕުން ބަންދުކޮށްފައިވާ ތަނެއްގައެވެ. އޭގެ ފަހުން ބަލިން ރަނގަޅުވެއްޖެނަމަ، އާއިލީ މީހުން ފެނެއެވެ. އެހެން ނޫނީ ނުފެނެއެވެ.

އެގައުމުގައި ބަލި ޖެހޭ މީހުންނަށް ފަރުވާ ދެމުން އަންނަނިކޮށް އެމީހުން މަރުވާ މަންޒަރަކީ ޑޮކްޓަރުން އެންމެ ހިތްބަލިވާ މަންޒަރެވެ. އެއީ އެންމެ ރަނގަޅަށް ފަރުވާ ދެމުން އައިނަމަވެސް ބަލި މީހާ ދުނިޔެ ދޫކޮށް ދިއުމެވެ. މިފަދަ ބަލި މީހުންނަށް ފަރުވާ ދެމުން އައި ގައުމުތަކުގެ ޑޮކްޓަރުންނަށްވެސް މި ބަލި ޖެހިގެން މިވަގު ދުނިޔެ ދޫކޮށް ގޮސްފައެވެ.

އެގައުމުން މިވަގުތު ބަރޯސާވެފައިވަނީ ކޮވިޑް-19ގެ ވެކްސިނެއް އެގައުމުގެ ހުރިހާ ރައްޔިތުންނަށް ދެވޭނެ ދުވަހަކަށެވެ. ދާދި ފަހުން އެގައުމުގައި ވަނީ ބަލިން ދިފާއުވުމަށް ވެކްސިންގެ ފުރަތަމަ ޑޯޒު ބައެއް ފަރާތްތަކަށް ދީފައެވެ.

އެގައުމުގެ ސިއްހީ މާހިރުންނަށް އޮތް ބިރަކީ ހޮސްޕިޓަލްތައް ފުރި ބަލި ޖެހޭ މީހުންނަށް ފަރުވާ ދެވޭނެ އިންތިޒާމު ނެތުގެން ހިނގައިދާނެ ކަމުގެ ބިރެވެ.