އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުގެ ތެރެއަށް ޑޮނަލްޑް ޓްރަމްޕްގެ ސަޕޯޓަރުން ވަދެ ހިންގި ހަމަނުޖެހުންތަކަކީ ޓްރަމްޕް ބާރުއެޅުމުގެ ސަބަބުން ހިންގި ކަމެއްކަމަށް ބުނެ ސެނެޓްގައި ކުރިއަށް ގެންދިޔަ ޝަރީއަތުން ޓްރަމްޕް ކުށްވެރިވާކަމަށް ނިންމަން ބޭނުންވާ ވަރަށް ވޯޓް ހަމަނުވެ ޓްރަމްޕް އެންމެ ފަހުން ސަލާމަތް ވެއްޖެއެވެ.

ސެނެޓުން ޓްރަމްޕް ކުށްވެރިވާ ކަމަށް ނިންމިނަމަ ކުރިއަށް އޮތްތަނުގައި ވެރިކަމަށް ކުރިމަތިލުމުގެ ފުރުސަތު ޓްރަމްޕް އަށް ބަންދުވުމުގެ ފުރުސަތު ވަރަށް ބޮޑެވެ. ސެނެޓްގައި ޓްރަމްޕްގެ ޝަރީއަތް ކުރިއަށް ގެންދިއުމަށްފަހު ޓްރަމްޕް ކުށްވެރިވާ ކަމަށް ކަނޑައަޅަން ނެގި ވޯޓްގައި ޓްރަމްޕް ކުށްވެރިވާ ކަމަށް 57 މެންބަރުން ވޯޓް ދެއްވިއެވެ. ޓްރަމްޕް ކުށްވެރި ނުވާކަމަށް 43 މެންބަރުން ވޯޓް ދެއްވިއެވެ.

ޓްރަމްޕް ކުށްވެރިވާ ކަމަށް ކަނޑައަޅަން ޤާނޫނު ހަދާ މަޖިލީހުގެ 67 މެންބަރުން ވޯޓް ބޭނުންވެއެވެ. އެއީ ސެނެޓްގެ ތިންބައިކުޅަ ދެބައި މެންބަރުންގެ ވޯޓެވެ.

ޓްރަމްޕް ކުށްވެރިވާ ކަމަށް ވޯޓް ދެއްވި މެންބަރުންގެ ތެރޭގައި ޓްރަމްޕް ނިސްބަތްވާ ރިޕަބްލިކަން ޕާޓީގެ ހަތް މެންބަރުން ވެސް ހިމެނެއެވެ.

ޓްރަމްޕްގެ ޝަރީއަތް ސެނެޓްގައި ކުރިއަށް ގެންދިޔައީ ކޮންގްރެސް އިން ޓްރަމްޕް އިމްޕީޗް ކުރުމަށް ފަހުއެވެ. އެމެރިކާގެ ތާރީޚްގައި ވެސް ދެފަހަރަށް އިމްޕީޗް ކުރި ހަމައެކަނި ރައީސަކީ ޓްރަމްޕް އެވެ. އަދި ދައުރު ނިމުނު ފަހުން ސެނެޓްގެ ޝަރީއަތާއި ކުރިމަތިލާން ޖެހުނު ހަމައެކަނި ރައީސަކީ ވެސް ޓްރަމްޕް އެވެ.

އެމެރިކާގެ ރިޔާސީ އިންތިޚާބެއްގެ ނަތީޖާ ގަބޫލުނުކުރި ހަމައެކަނި ރައީސްގެ ގޮތުގައި ޓްރަމްޕްގެ ނަން ތާރީޚްގައި ލިޔެވިގެން ގޮސްފައި ވީނަމަވެސް 2024 ވަނަ އަހަރު އޮންނަ އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ޓްރަމްޕް ވާދަކުރާނެ ކަމަށް ގިނަ ތަޖުރިބާކާރުން ލަފާކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޅަބޭ

    މަރުހަބާ ޓުރަމްޕު. މުނާފިގުންގެ މައްޗައް އަބަދުވެސް ކާމިޔާބު ހޯދާތި.

    2
    6
  2. ޅިންކްސް

    ޓްރަމްޕްގެ ކުށް ޞާބިތުނުވީ ހަމައެކަނި ރިޕަބްލިކުންގެ މަޖިލީސް މެމްބަރުންގެ ވޯޓުން އެހެންނަމަވެސް ޕަބްލިކް ކުރިމަތީގަޔާއި އަދި ތާރީޚުގައި އޭނާގެ ކުށް ޞާބިތުވެއްޖެ
    ޢެފަދައިން މިޤައުމުގެ މިހާރުގެ ވެރިންގެ ކުށްވެސް ޞާބިތުވަމުންދަނީ

    4
    1
  3. ކަލާ123

    ކުށް އޮތީ ކިތަންމެ ރަނގަޅަކަށް ވެސް ސާބިތުވެފަައި. ސެނޭޓުގެ ގޮނޑިތައް ދެޕާޓީ ދެމެދުގައި 50/50ގެ ނިސްބަތުން ހަމަޔަށް ބެހިފައިވާއިރު، ކުށްވެރިކުރުމަށް ބޭނުންވާ 2/3 އަޣުލަބިއްޔަތެއް ލިބެން އޮތީ ޓްރަމްޕުގެ ޕާޓީގެ(ރިޕަބްްލިކަން) މަދުވެގެން ވެސް 17 މެންބަރުންގެ ވޯޓު ލިބިގެން ކަމަށް ވާއިރު އެއަދަދަށް ވޯޓު ނުލިބުމުން ސަލާމަތްވީ!