ކޮވިޑް-19 އަށް ފައްސިވެގެން ރަނގަޅުވެފައި ހުރި މީހަކު ވެކްސިންގެ އެންމެ ޑޯޒްއެއް ޖަހައިގެން ފުދޭ ކަމަށް ފްރާންސުން ބުނެފިއެވެ.

ފްރާންސްގެ ސިއްހީ ވުޒާރާއިން ވަނީ ކުރިން ކޮވިޑް-19 އަށް ފައްސިވި އެއްވެސް މީހެއް ގަޔަށް ވެކްސިންގެ ދެ ޑޯޒް ޖަހަން ނުޖެހޭނެ ކަމަށް ބުނެފައެވެ. ފްރާންސަކީ މިފަދަ އިރުޝާދެއް ދިން ފުރަތަމަ ގައުމު ކަމަށް ވާއިރު މިހާތަނަށް ފްރާންސްގައި 2.8 މިލިއަނަށް ވުރެ ގިނަ މީހުންނަށް ވަނީ ވެކްސިން ދީފައެވެ.

މިފަދަ އިރުޝާދެއް ފްރާންސް އިން ދޭން ފަށާފައި ވަނީ ދުނިޔޭގެ އެކި ގައުމުތަކުގައި ވެކްސިން ދިނުމުގެ މަރުަހަލާ އަވަސްކޮށް، އާއްމު ހާލަތަށް އަނބުރާ ރުޖޫއަވާން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ފްރާންސްގައި މީގެ ކުރިން ކޮވިޑް ބަލި ޖެހިފައިވާ 3.4 މިލިއަނަށް ވުރެ ގިނަ މީހުން އެބަތިއްބެވެ. އަދި 81،000 އަށް ވުރެ ގިނަ މީހުން ވަނީ އެ ބަލީގައިި މަރުވެފައެވެ.

މިވަގުތު ދުނިޔޭގައި އާއްމުކޮށް ބޭނުންކުރާ ހުރިހާ ވެކްސިންއެއް ވެސް ދެނީ ދެ ޑޯޒް އަކަށް ބަހާލައިގެންނެވެ. އެއް ޑޯޒް އާއި އަނެއް ޑޯޒްއާ ދެމެދު ހަފްތާތަކެއް ވޭތުވެއެވެ.

ފްރާންސުން ބުނެފައި ވަނީ ކޮވިޑް ޖެހުމުން އެ ބަލިން ދިފާއުވުމުގެ ގާބިލްކަން ކޮންމެވެސް ވަރަކަށް ހުންނަ ކަމަށެވެ. ފްރާންސުން މިހެން ބުނި ނަމަވެސް ވެކްސިން ޖެހުމުގެ ކުރިން ކޮވިޑް އަށް ފައްސިވީ މީހުން ދެނެގަންނާނެ ސީދާ ގޮތެއް ފާހަގަކޮށްފައެއް ނުވެއެވެ.

ފްރާންސުން ވަނީ ކުރިން ކޮވިޑް ޖެހިފައި ވީނަމަވެސް ދިފާއީ ނިޒާމް ބަލިކަށި މީހުންނަށް ދެ ޑޯޒް ދޭނެ ކަމަށް ބުނެފައެވެ. ކޮވިޑް އަށް ވެކްސިން ދިނުމުގެ މަސައްކަތް ގިނަ ގައުމުތަކުގައި ކުރިއަށް ދާ އިރު ވެކްސިން ޖެހުނު ނަމަވެސް ކޮވިޑްގެ އާ ވައްތަރުތައް ޖެހުމުގެ ފުރުސަތު އޮތް ކަމަށް ބައެއް ތަޖުރިބާކާރުން ބުނެއެވެ.