ކޮވިޑް-19 އާއި ގުޅިގެން މުޅި ދުނިޔެ ހުއްޓުމަކަށް އައިސް ދުނިޔެ ބޮޑު ބިރުވެރިކަމެއްގެ ތެރޭގައި އޮއްވާ އަނެއްކާ އިތުރު ބިރުވެރިކަމަކާއި ކުރިމަތިލާން ޖެހިއްޖެއެވެ. އެބޯލާ ޖެހިގެން ގިނީ އިން މިހަފްތާގައި މީހަކު މަރުވެފައިވާކަން މިއަދު އެގައުމުން ވަނީ ހާމަކޮށްފައެވެ.

ގިނީގެ އޮފިޝަލުން ބުނާ ގޮތުގައި އެބޯލާ ޖެހިގެން އެގައުމުން މިދިޔަ ހަފްތާގައި މަރުވެފައި ވަނީ ނަރުހެކެވެ. މަރުވި ނަރުސް ވަޅުލުމުގެ ކަންކަމުގައި ބައިވެރިވި މީހުންގެ ތެރެއިން ހަތަރު މީހަކު ވެސް މިހާރު ވަނީ އެބޯލާ އަށް ފައްސިވެފައެވެ. އެހެންކަމުން ގިނީ އިން މިހާރު ވަނީ އެލާޓް ލެވަލް މައްޗަށް ޖައްސާފައެވެ. އަދި އަވައްޓެރި ގައުމުތަކުން ވެސް ބައްޔަށް ސަމާލުވުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ވަނީ މިހާރު އިލްތިމާސް ކޮށްފައެވެ.

އެބޯލާ އިންސާނުންނަށް ޖެހެނީ ޗިމްޕަންޒީންނާއި ވާ ދަތް އަޅާފައި އޮންނަ މޭވާ އިންނާއި ވާލުގެ ނަޖިސް ހުންނަ ކާބޯތަކެތި ކެއުމުންނެވެ. އަދި ބަލި ޖެހިފައި ހުންނަ މީހެއްގެ ނުވަތަ ޖަނަވާރެއްގެ ލޭގައި އަތް ލެވިއްޖެނަމަ ނުވަތަ ލޭގެ އަސަރު މީހެއްގެ ހަށިގަނޑަށް ކޮށްފިނަމަ ވެސް އެބޯލާ ޖެހެއެވެ.

މިއީ އަދި ބޭހެއް ހޯދިފައި ނެތް ބައްޔެކެވެ. ނަމަވެސް އެބޯލާ އިން ދިފާއު ވުމަށް ވަރަށް ގިނަ ވެކްސިންތައް އުފައްދައި، އެވެކްސިންތައް ތަހްލީލް ކުރުމުގެ މަރުހަލާތައް އެފްރިކާގެ ގައުމުތަކުގައި މިހާރު ވެސް ކުރިއަށް އެބަދެއެވެ.

އެބޯލާ ޖެހުމުން ބޭރަށް ހިނގުމާއި ހުން އައުމާއި ހޮޑުލެވުން ފަދަ ކަންކަން ކުރިމަތިވެއެވެ.

ފަހަކަށް އައިސް އެންމެ ބޮޑަށް އެބޯލާ ފެތުރުނީ 2013 ވަނަ އަހަރާއި 2016 ވަނަ އަހަރާއި ދެމެދުއެވެ. އެދުވަސްވަރު އެބޯލާ ޖެހިގެން 11000 އަށް ވުރެ ގިނަ މީހުން އެފްރިކާ ބައްރުން މަރުވިއެވެ.