ނިއުޒިލެންޑުގެ އެންމެ ބޮޑު ސިޓީ ކަމަށްވާ އޯކްލޭންޑުން ފެނުނު ތިން ވޭދަނަ އަކީ ވެސް އިނގިރޭސި ވިލާތުން ފެތުރެެން ފެށި ނުރައްކާތެރި ވައްތަރު ކަމަށް އެގައުމުގެ ބޮޑުވަޒީރު ޖެސިންޑާ އަޑާން ވިދާޅުވެއްޖެއެވެ.

އެގައުމުން ފެނިފައިވާ ތިން ވޭދަނައަކީ އެގައުމުގެ މުޖުތަމައު ތެރެއިން ބަލި ނުފެންނަތާ 2 މަސް ފަހުން ފެނުނު ފުރަތަމަ ވޭދަނަތަކެވެ. އެެ ތިން ކޭސް އަކީވެސް އިނގިރޭސިވިލާތުގެ ވޭރިއަންޓު ކަމަށް ޖެެސިންޑާ އަޑާން ވަނީ ވިދާޅުުވެފައެެވެ. މިކަމާ ގުޅިގެން އޯކްލޭންޑް ވަނީ 3 ދުވަހުގެ މުއްދަތަކަށް ފުރަބަންދު (ލޮކްޑައުން) ކޮށްފައެވެ.

އެއީ މިދިޔަ މަހުގެ 24 ވަނަ ދުވަހުގެ ފަހުން އަލަށް ފެނިފައިވާ ފުރަތަމަަ ތިން ވޭދަނައެވެ.

އޯކްލެންޑް ފުރަބަންދުކޮށްފައި ވަނީ ލެެވެލް ތިނެއްގެ ދަށުންނެވެ. ލެވެލް ތިނެއްގެ ދަށުން ފުރަބަންދުކޮށްފި ނަމަ ބޭރަށް ނުކުމެވެނީ ހަމައެކަނި މުހިިންމު އެއްޗެއް ގަތުމަށް ނުވަތަ މަސައްކަތު ދިއުން ފަދަ ޒަރޫރީ ބޭނުމަކަށެވެ. ދެެން އެ ގައުމުގެ ބާކީ ސަރަހައްދުތައް ވަނީ ލެވެލް ދޭއްގެެ ދަށުން ފުރަބަންދުކޮށްފައެވެެ. އެެގޮތުން ބޭރަށް ނިކުމެ އުޅުމުގައި އިޖްތިމާއީ ގައިދުރުކަން (ތިންފޫޓު ދުރުމިން) ބެހެއްޓުމަށާއި، 100 މީހުންނަށްވުރެ ގިނައިން އެއްވުން ވަނީ ވަގުުތީ ގޮތުން މަނާކޮށްފައެވެ.

ނިއުޒީލެންޑަކީ ކޮވިޑް-19ގެ ބަލިމަޑުކަން މުޅި ދުނިޔެއަށް ފެތުރިގެން އައިއިރު، އެ ބަލި ކޮންޓްރޯލް ކޮށް މުޅި ދުނިޔެއަށް ނަމޫނާ ދެއްކި ގައުމެކެވެ. އެގައުމުން މިހާތަނަށް ކޮވިޑް-19 އަށް ފައްސިވެފައިވަނީ 2،330 މީހުންނެވެ. އަދި މި ބަލި ޖެހިގެން މަރުވެފައިވަނީ 25 މީހެކެވެ.

ކިޔުންތެރިންގެ ހިޔާލު