ޑެންމާކުގައި ކުރިއަށް ދިޔަ ހަމަނުޖެހުމެއްގެ ތެރޭގައި މީހަކާ ދިމާލަށް ކެއްސި މީހެއްގެ ޝަރީއަތުގެ އަޑުއެހުންތައް ބޭއްވުމަށް ނިންމައިފިއެވެ.

ޑެންމާކު ފުރަބަންދު (ލޮކްޑައުން) ކޮށްފައިވާ އެ ހާލަތުގައި މީހަކާ ދިމާލަށް ކެއްސި އުމުރުން 20 އަހަރުގެ އެ ފިރިހެން މީހާ ހައްޔަށް ކޮށްފައިވަނީ މިދިޔަ މާޗް މަހުގެ ތެރޭގައެވެ. ފުލުހުން ވާނީ އޭނާ ހައްޔަރުކޮށް ކޮވިޑް-19 އަށް ޓެސްޓްވެސް ކޮށްފައެވެ. އެ ޓެސްޓުން އޭނާ ވަނީ ނައްސިވެފައެވެ.

ދަށު ކޯޓުން ފެށިގެން ސުޕްރީމް ކޯޓާއި ހަމައަށް އޭނާގެ މައްސަލަ ގޮސްފައިވާ އިރު، އެންމެ ފަހުން ސުޕްރީމް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ވަނީ އޭނާ ތިން މަހާއި ފަސް މަހާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލުމަށް އެދިފައެވެ.

އެކަމާއި ގުޅޭ ގޮތުން ހުކުމް ކުރުން އޮންނާނީ މި މަހުގެ 18 ވަނަ ދުވަހު ކަމަށް ސުޕްރީމް ކޯޓޫން ވަނީ ބުނެފައެވެ.

މިއީ އެގައުމުގައި އަލަށް މީހަކު ކޮށްފައިވާ ކަމެއް ނޫނެވެ. މީގެ ކުރިންވެސް އެގައުމުގެ ފުލުހުންނާއި ދިމާލަށް އާންމު ކެއްސާފައިވާކަން ފުލުހުން ވަނީ ހާމަ ކޮށްފައެވެ.

މިދިޔަ މާޗްމަހުގެ ތެރޭގައި އެ ފިރިހެން މީހާ ހައްޔަރު ކޮށްފައިވާއިރު، ސަރުކާރުން ބުނެފައިވަނީ އޭނާ ކުރި ކަމަކީ އެއީ އެހެން މީހަކަށް ކޮވިޑް-19 ފެތުރިދާނެ ކަމެއް ކަމަށާއި ސަރުކާރުން އަންނަނީ ބަލި ކޮންޓްރޯލް ކުރުމަށް އެކި ކަހަލަ ފިޔަވަޅުތައް އަޅަމުން ކަމަށެވެ.

އެގައުމުގައި ހަރުކަށި ފުރަބަންދެއް އިއުލާނު ކުރުމާއި ގުޅިގެން ގިނަ އަދަދެއްގެ ބަޔަކު ވަނީ ފާއިތުވި މަސްތަކުގެ ތެރޭގައި ހަމަނުޖެހުން ހިންގައި ފުރަބަންދަށް ލުއިތަކެއް ދިނުމަށް ގޮވާލާފައެވެ.