ދުނިޔެ އިން ކޮވިޑް-19 އަށް އިއްޔެ ފައްސިވި މީހުންގެ ޖުމްލަ އަދަދު ރެކޯޑް މިންވަރަކަށް ދަށަށް ހިނގައްޖެއެވެ. ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އިއްޔެ މުޅި ދުނިޔެ އިން ކޮވިޑް-19 އަށް ފައްސިވެފައި ވަނީ 262943 މީހުންނެވެ. އިއްޔެ އަކީ އޮކްޓޯބަރ މަހުގެ 04 ވަނަ ދުވަހަށް ފަހު އެންމެ މަދު އަދަދެއްގެ މީހުން ކޮވިޑް-19 އަށް ފައްސިވި ދުވަހެވެ.

ޖަނަވަރީ މަހުގެ 11 ވަނަ ދުވަހަށް ފަހު ދުނިޔެ އިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ ޖުމްލަ އަދަދުގެ ހަތް ދުވަހުގެ އެވްރެޖަށް ބަލާއިރު އަންނަނީ ދުވަހުން ދުވަހަށް މަދުވަމުންނެވެ.

މިހާރު ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު މަދުވަމުން އަންނަ އެންމެ ބޮޑު އެއްސަބަބަކީ ހާލަތު އެންމެ ބޮޑަށް ގޯސްވެފައިވާ ގައުމުތަކުގެ ހާލަތު ރަނގަޅު ވާން ފެށުމުވެ. އެންމެ ބޮޑަށް ހާލަތު ގޯސްވެ ދުވާލަކު ތިން ލައްކަ އަށްވުރެ ގިނަ މީހުން ވެސް ކޮވިޑް-19 އަށް ފައްސިވި އެމެރިކާ އިން އިއްޔެ ފައްސިވި މީހުންގެ އަދަދު ވަނީ ބައިލައްކަ މަދުވެފައެވެ. އިއްޔެ އެމެރިކާ އިން ފައްސިވީ 52785 މީހުންނެވެ. އިއްޔެ އަކީ އޮކްޓޯބަރ މަހުގެ 18 ވަނަ ދުވަހަށް ފަހު އެމެރިކާ އިން އެންމެ މަދު އަދަދެއްގެ މީހުން ފައްސިވި ދުވަހެވެ.

އެމެރިކާގެ އިތުރުން އެންމެ ބޮޑަށް ދެން ހާލަތު ގޯސްވެފައިވާ އިންޑިއާ އާއި ރަޝިއާ، އިނގިރޭސިވިލާތް ފަދަ ގައުމުތަކުގެ ހާލަތު ވެސް އަންނަނީ ދުވަހުން ދުވަހަށް ރަނގަޅު ވަމުންނެވެ. ނަމަވެސް މިހާތަނަށް ތިން ވަނަ އެންމެ ގިނަ މީހުން ފައްސިވެފައިވާ ބްރެޒިލްގެ ހާލަތު އަދިވެސް ރަނގަޅު ވަމުން އަންނަ މަންޒަރެއް ނުފެނެއެވެ. އެގައުމުން ފައްސިވާ މީހުންގެ އެވްރެޖް އަދަދު އަދިވެސް ހުރީ އެއްވަރެއްގައެވެ.

ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު މަދުވަމުން އަންނަ އެއް ސަބަބަކީ ވެކްސިން ދިނުން އެގައުމުތަކުގައި ވަރަށް ފުޅާކޮށް ކުރިއަށް ގެންދެވުން ކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ. އޭގެ އިތުރުން އެމެރިކާ ފަދަ ގައުމުތަކުގައި މިހާރު ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކަކީ ވެސް ހާލަތު ރަނގަޅު ވާން މެދުވެރިވެފައިވާ އެއް ސަބަބެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އެމްޕީ

    ރާއްޖެހަމަ ދަނީ ކުރިއަށް.. މަރުވިމީހުންގެ ޢަދަދު 100 ށް އަރަނީ! މިކަމާ ވިސްނާ މީހަކުނެތް ފަދަ... މަޖިލީހެއް ޕީޕީއެއް އެމްޑީޕީއެއް ކިޔާނެ ކަމެއް ނެތް!

    8
    3
    • އެސްޕީ

      ކޮންމެ ގައުމަކަށްވެސް އެ ގައުމެއްގެ އަދަދު ހަމަވީމަ ނިމޭނީ. އެއްބަޔަކަށް މާކުރިން އަދަދު ހަމަވާނަމަ އަނެއް ބަޔަކަށް އަދަދު ފަހުން ހަމަވާނީ. އަވަހަށް ވިއަސް ލަހުން ވިއަސް ކޮވިޑްގެ އަދަދު ހަމަކުރާނެ އޭތި މުޅިން ދިއުމުގެ ކުރިން. މަޑުކޮށްލައިގެން އޮވެފަ ފިލާއޮވެފަ އަލުން ދުއްވައިވެސް ގަންނާނެ. ކެތްކުރަންޖެހޭނީ. ވެކްސިންތައް އުފަންވެގެން އައިމަ އޭތި ދުވެލި ބާރުކުރިތަންވެސް ފެނިއްޖެއެއްނު.