ޑިމޮކްރަޓިކް ރިޕަބްލިކް އޮފް ކޮންގޯ (ޑީއާރްސީ) ގައި ކޯރެއްގެ ތެރެއަށް ފެރީއެއް އަޑިއަށް ގޮސް އެއިން ދަތުރުކުރި މީހުންގެ ތެރެއިން 60 އަށް ވުރެ ގިނަ މީހުން މަރުވެ އެތައް ސަތޭކަ ބަޔަކު ގެއްލިއްޖެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

"އަލްޖަޒީރާ" އިން ރިޕޯޓް ކުރާ ގޮތުގައި ރޭގެ ވަގުތެއްގައި މިއެކްސިޑެންޓް ހިނގީ ލޮންގޮލާ އެކޯޓީ ނަމަކަށް ކިޔާ އަވަށް ކައިރީގައެވެ. ފެރީ އަޑިއަށް ދިޔައިރު އެފެރީގައި 700 ވަރަކަށް މީހުން ތިބި ކަމަށް ވެސް އޮފިޝަލުންނާއި ހަވާލާދީ "އަލްޖަޒީރާ" އިން ބުނެއެވެ.

"މިހާތަނަށް 60 މީހެއްގެ ހަށިގަނޑު ވަނީ ފެނިފައި. އަދި 300 މީހަކު ވަނީ މިހާތަނަށް ސަލާމަތް ކުރެވިފައި. ނަމަވެސް އަދިވެސް އެތައް ސަތޭކަ ބަޔަކު ވަނީ ގެއްލިފައި." އޮފިޝަލަކު މީޑިއާ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވިއެވެ.

ސަރުކާރުން ވިދާޅުވާ ގޮތުގައި މިފެރީ ފުރީ ޑީއާރްސީގެ ވެރިރަށް ކަމަށްވާ ކިންޝާސާ އިންނެވެ. ފެރީ ދަތުރު ކުރަމުން ދިޔައީ އީކްއޭޓާ ޕްރޮވިންސަށެވެ.

ސަރުކާރުގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި ފެރީ އަޑިއަށް ދިޔައީ މާގިނަ މުދަލާއި މީހުން ފެރީ އަށް އެރުވުމުން ކަމަށް މިހާތަނަށް ބެލި ބެލުމުން އެނގެއެވެ.

ފެރީ އެކްސިޑެންޓްތައް ހިނގުމަކީ ޑީއާރްސީގައި ވަރަށް އާއްމު ކަމެކެވެ. ގިނަ ފަހަރަށް މިފަދަ އެކްސިޑެންޓްތައް ހިނގަނީ ހުއްދަ ކޮށްފައި އޮންނަ މިންވަރަށް ވުރެ ގިނައިން މުދަލާއި މީހުން އެރުވުމުގެ ސަބަބުންނެވެ.

މިދިޔަ މަހު ވެސް ފެރީ އެއް ކޯރެއްގެ ތެރެއަށް އަޑިއަށް ގޮސް ދެކުއްޖަކާއި އަންހެނަކު މަރުވި ހާދިސާއެއް ޑީއާރްސީގައި ހިނގާފައި ވެއެވެ. މިދިޔަ އަހަރުގެ މެއި މަހު ފެރީ އެއް އަޑިއަށް ގޮސް 10 މީހަކު މަރުވިއެވެ. ފަހަކަށް އައިސް މިފަދަ އެންމެ ބޮޑު ހާދިސާއަކަށް ހިނގީ 2010 ވަނަ އަހަރު ހިނގި ފެރީ އަޑިއަށް ދިއުމުގެ ހާދިސާއެކެވެ. އެހާދިސާގައި 135 މީހުން މަރުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނިވި

    ސުބްޙާނަ ﷲ! ކޯރުކޯރުގައިވެސް ފެރީ! އަފުންގެ ރަށި ކިޅި މިރާއްދޭން އެންމެ ބޮނޑީ! އެހެންފަހެނާސް ފެރީދުއްވާ ވަރުނިވެއި!