ދުނިޔޭގެ ރިކޯޑް ފޮތުން ޖާގަ ހޯދައި އިނގިރޭސި ވިލާތުގެ އާޓިސްޓަކު ދުނިޔޭގެ އެންމެ ބޮޑު ކެންވަސް ޕެއިންޓިން ކުރަހައިފިއެވެ.

ދުބާއީގައި ހެދި މި ރިކޯޑުގައި ޕެއިންޓް ކޮށްފައިވާ ކެންވަސް ޕެއިންޓިންގެ ބޮޑުމިނުގައި 17،000 އަކަފޫޓު ހުރެއެވެ. ދުބާއީއަކީ ދުނިޔޭގެ އެންމެ ބޮޑު އެއް ކަލްޗަރަލް ސެންޓަރަށް ވެފައިވާ އިރު މި ޕެއިންޓިން ކުރެހުމުގެ ބޭނުމަކީ ކޮވިޑްގެ ބަލިމަޑުކަމާ ގުޅިގެން ހާލުގައި ޖެހިފައިވާ ކުޑަކުދިންނާއި ޒުވާނުންނަށް އެހީވުން ކަމަށް އާޓިސްޓާ ހަވާލާދީ ބޭރުގެ މީޑިއާތަކުން ރިޕޯޓު ކުރެއެވެ.

ފަންނާނުންނާއި ކުރެހުންތެރިން އަދި އެކި ހުނަރުތައް ލިބިފައިވާ އެތައް ސަތޭކަ ބަޔަކު ދުބާއީގައި މިހާރު ތިބި އިރު އެތަނަކީ އާމްދަނީ ހޯދުމަށާއި ދިރިއުޅެން އެންމެ ރަނގަޅު ތަންކަމަށް ގިނަ ބަޔަކަށް ވަނީ ބެލެވިފައެވެ.

އޭއެފްޕީ

ދަ ޕާލްމްގެ ބޯލްރޫމް އޮފް އެޓްލާންޓިސްގައި ކުރަހާފައިވާ މި ޕެއިންޓިން ނިންމުމަށް 28 ހަފްތާ ނެގިއެވެ. މިދިޔަ އަހަރުގެ މާރިޗް މަހުން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ޕެއިންޓިންގެ މަސައްކަތް ކުރިއަށް ދިޔައިރު ދުވާލެއްގެ މައްޗަށް 20 ގަޑިއިރު ޕެއިންޓިންގެ މަސައްކަތުގައި އާޓިސްޓު ހޭދަ ކުރިއެވެ.

ފޮޓޯ: އޭއެފްޕީ

ސަޗާ ނަމަކަށް ކިޔާ މި ކުރެހުންތެރިޔާ ވަނީ ޕެއިންޓިން ނިންމުމަށް 1،065 ފިއްސާއި 6،300 ލީޓަރުގެ ކުލަ ބޭނުންކޮށްފައެވެ. މި ޕެއިންޓިން ވެގެންދާނީ ކެންވަސް އެއްގައި ކުރަހާފައިވާ ދުނިޔޭގެ އެންމެ ބޮޑު ޕެއިންޓިން އަށެވެ.

ފޮޓޯ: އޭއެފްޕީ

ދުނިޔޭގެ އެންމެ ބޮޑު މި ޕެއިންޓިން 70 ބައިކޮށް ހުރިހާ ބައެއް މި އަހަރުތެރޭގައި ނީލަމުގައި ވިއްކާލުމަށް ހަމަޖެހިފައިވާ އިރު މިއިން ލިބޭ ލާރި ހަދިޔާކުރާނީ ކިޔަވައި ދިނުމުގެ ދާއިރާ އަށާއި، ސިއްހީދާއިރާ އަށް، ޔުނިސެފް، ޔުނެސްކޯ، ގްލޯބަލް ގިފްޓް ފައުންޑޭޝަން ފަދަ ތަންތަނަށް ހަދިޔާ ކުރުމަށެވެ.

ފޮޓޯ: ދުބައި މީޑިޔާ އޮފީސް

ޕެއިންޓިން ކުރެހި އާޓިސްޓް ސަޗާ ޗަފްރީ ބުނީ ދުނިޔޭގެ އެންމެ ބޮޑު ޕެއިންޓިން އަށް މި ޕެއިންޓިން ވުމުން ވަރަށް އުފާވާ ކަމަށާއި މިއީ އިންސާނިއްޔަތު ކަމަށްޓަކައި އޭނާ ފެއްޓި ކަމެއް ކަމަށެވެ.

ގްލޯބަލް ގިފްޓް ފައުންޑޭޝަންގެ ފައުންޑަރު މާރިޔާ ބްރާވޯ ބުނީ ގިނަ އަހަރުތަކެއް ވަންދެން ސަޗާ ވަނީ އެ ފައުންޑޭޝަން އަށް ފަންޑު ހޯދައިދިނުމަށާއި އަދި ދުނިޔޭގެ އެހެނިހެން ފައުންޑޭޝަން ތަކަށް ވެސް ފަންޑު ހޯދައި ދިނުމަށް އެހީތެރިވެފައި ކަމަށެވެ.