ސައުދީ އަރަބިއްޔާގައި މަސައްކަތު މީހެއްގެ ވަޒީފާ އަދާކުރަމުން ގެންދިޔަ ބަންގްލަދޭޝްގެ އަންހެނަކު މަރާލި މައްސަލައިގައި ސައުދީ އަރަބިއްޔާގެ އަންހެނަކު މެރުމަށް ހުކުމް ކޮށްފިއެވެ.

ސައުދީ އަރައްބިއްޔާގެ ކްރިމިނަލް ކޯޓުން ކޮށްފައިވާ މި ހުކުމުގައި ބުނެފައިވަނީ އައިޝާ އަލް-ޖިޒާނީ މެރުމަށް ހުކުމް ކޮށްފައިވަނީ އޭނާއަށް މަސައްކަތް ކޮށްދޭ ބަންގްލަދޭޝްގެ އަންހެން މީހާ މަރާލިކަމަށް އެއްބަސްވުމުން ކަމަށެވެ.

އެފަދަ ފަރާތްތަކަށް ހައްގު ހޯދައިދޭ ގްރޫޕަކުން ބުނެފައިވަނީ ސައުދީ އަރަބިއްޔާގައި މަސައްކަތު މީހުންނަށް އަނިޔާ ކުރުމުގެ މައްސަލަތައް ވަރަށް އާއްމު ކަމަށެވެ. ނަމަވެސް އެފަދަ ގިނަ މައްސަލަތައް ކަމާބެހޭ ފަރާތްތަކާއި ހަމައަށް ރިޕޯޓް ކުރަން މަސައްކަތު މީހުން ޖެހިލުންވެއެވެ. މައްސަލަ ރިޕޯޓް ކުރި ނަމަވެސް ގިނަ ފަހަރަށް އެފަދަ މައްސަލަތައް ސާބިތެއް ނުކުރެވެއެވެ.

އައިޝާ އަށް މަސައްކަތް ކޮށްދޭ ބަންގްލަދޭޝްގެ އަބިރޮން ބޭގަމް މަރާލާފައިވަނީ 2019 ވަނަ އަހަރުގެ މާޗް މަހުގެ ތެރޭގައެވެ.

ބޭގަމްގެ މަރާއި ގުޅިގެން އޭނާގެ އާއިލާއިން ވަނީ އިންސާފު ހޯދައިދިނުމަށް އެގައުމުގެ ސަރުކާރަށް ގޮވާލާފައެވެ.

"ބޭގަމް ބޭނުންވީ އާއިލާ މީހުންނަށް ހަރަދު ކުރަން ފައިސާ ހޯދަން ގައުމުން ބޭރުގައި މަސައްކަތް ކުރަން. އެހެން ނަމަވެސް ސައުދީއަށް ދިޔަތާ ދެހަފްތާ ނުވަނީސް އެކި ގޮތް ގޮތުން އަނިޔާ ކުރަން ފެށީ" ބޭގަމްގެ ބޭބެ ބުންޏެވެ.

އެގޮތަށް އަނިޔާ ކުރާތީ ކޮންމެ ދުވަހަކު ގުޅާފައި ރޯކަމަށާއި އެކަމާއި ގުޅިގެން އެގޭގެ މީހުން ކައިރީ ކޮއްކޮ އަނބުރާ ގައމަށް ފޮނުވުމަށްވެސް އެދިފައިވާ ކަމަށް ބޭގަމްގެ ބޭބެ ބުންނެވެ.

ބޭގްމަގެ މަރުގެ ބަދަލު ނުލިބެގެން އާއިލާއިން އުޅެނިކޮށް، ސައުދީގެ ކޯޓަކުން ކުރި ޙުކުމަށް ބޭގަމްގެ އާއިލާއިން ވަނީ ސައުދީ ސަރުކާރަށް ޝުކުރު އަދާ ކޮށްފައެވެ.

އައިޝާ މެރުމަށް ހުކުމް ކޮށްފައިވާއިރު، އޭނާ އާއި އެކީ މިކަމުގެ އެހީތެރިވެ ދިން ކަމުގެ ތުހުމަތުމަތުގައި އޭނާގެ ފިރިމީހާ ވަނީ ތިން އަހަރުގެ މުއްދަތަކަށް ޖަލަށް ލާން ހުކުމް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަލި ދީދީ

    ޝައްކެތް ނެތް މިންވަރަށް ސާބިތު ކުރެވިއްޖެ ނަމަ މަރަން ވީއެވެ. އަމިއްލަ އިޢުތިރާފް ފުދޭ މިންވަރެއްތޯ ނިންމާނީ ގާޟީއެވެ.

    14
  2. އަހްމަދު

    الحمد لله
    އިސްލާމް ދީނުގެ ހަރުދަނާ އަދުލުވެރި ޝަރީއަތް ގާއިމު ކުރުން މަތީ ސައޫދީ ލައްވާނދޭވެ