އަހަރަކަށްވުރެ ގިނަ ދުވަސްތަކަކަށް ފަހު އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުންގެ އަނބިކަނބަލުން ރީ ސޮލް ޖޫ އާންމުންގެ ތެރެއިން ފެނިއްޖެއެވެ.

މީސްމީޑިއާގައި މިހާރު އާންމު ވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ރީ ސޮލް ޖޫ އާއި ކިމް ޖޮން އުން ތިބީ ކޮންސާޓެއްގައެވެ. އެކޮންސާޓަކީ އެގައުމުގެ އެންމެ ބޮޑު އެއް ޗުއްޓީ ފާހަގަ ކުރުމުގެ ގޮތުން ބޭއްވި ކޮންސާޓެކެވެ.

ކިމް އާއި ރީ ވަށައިގެން އެގައުމުގެ ސިފައިންގެ އިސް ބޭފުޅުންވެސް ތިއްބެވެ.

އެ ފޮޓޯތަކުން ފެނިގެން ދަނީ އެދެމަފިރިން އެތަނުގައި ކުރިއަށްދާ ޝޯ ބަލާފައި އުފަލުން ތިބޭ މަންޒަރެވެ. މިކަން ގިނަބައެއްގެ ސަމާލު ކަމަށް މިހާރު ވަނީ އައިސްފައެވެ.

ރީ ސޮލް ޖޫ އެންމެ ފަހުން ފެނިފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި އެގައުމުގައި ފާހަގަކުރި އާ އަހަރުގެ އިވެންޓްގެ ތެރެއިންނެވެ. އޭގެ ފަހުން އޭނާ ބޭރުން ފެނިފައި ނުވަނީ ސިއްހީ މައްސަލަތަކެއް ހުރުމުން ކަމަށާއި މާބަނޑުވުމުން ކަމަށް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ.

މީޑީއާތަކުން ރިޕޯޓް ކޮށްފައިވަނީ ކިމް އާއި ރީގެ ތިން ކުދިން މިވަގުތު ތިބެއެވެ. އެހެން ނަމަވެސް އެކަން އާންމު ކޮށްފައެއް ނުވެއެވެ.

އުތުރު ކޮރެއާއަކީ މުޅި ދުނިޔެއަށް ކޮވިޑް-19 ފެތުރިފައިވާއިރު، ބަލީގެ އެއްވެސް ވޭދަނައެއް މިހާތަނަށް ފެނިފައި ނުވާ ގައުމުތަކުގެ ތެރޭގައި ހިމެނޭ އެއް ގައުމެވެ.