ދެކުނު އެފްރިކާއިން ފެނުނު ކޮވިޑް-19ގެ ވައްތަރުވެސް އެމެރިކާއިން ފެނިއްޖެއެވެ.

ދެކުނު އެފްރިކާއިން ފެނިފައިވާ ކޮވިޑްގެ ވައްތަރު އެމެރިކާއިން ފެނިފައިވާއިރު، މީގެ ކުރިން އިނގިރޭސިވިލާތުގައި ފެތުރެމުން އަންނަ ވައްތަރުވެސް އެގައުމުން ވަނީ ފެނިފައެވެ.

އެމެރިކާގެ ނިއުޔޯކުގެ ގަވާނަރު އެންޑްރިއު ކޫމޯ ބުނެފައިވަނީ ދެކުނު އެފްރިކާއިން ފެނިފައިވާ ވައްތަރު އެގައުމުގައި ފެނިފައިވަނީ އެސްޓޭޓުން ކަމަށެވެ. އޭނާ ބުނީ މީގެ ކުރިން އެގައުމުގެ އެހެން ސިޓީތަކުންވެސް މި ވައްތަރު ފެނިފައިވާ ކަމަށް ރިޕޯޓްތަކުން ބުނާ ކަމަށެވެ. އެހެން ނަމަވެސް އެކަން ކަށަވަރުވެފައެއް ނުވެއެވެ.

ނިއުޔޯކުން މި ވައްތަރަށް ފައްސިވެފައިވާ އެމީހާ އަކީ އެ ސްޓޭޓްގެ ވަކި ހިސާބެއް ކަމަށްވާ ނަސައުގައި ދިރިއުޅެމުން އަންނަ މީހެކެވެ.

ދެކުނު އެފްރިކާގެ ކޮވިޑް ވައްތަރަށް ނިއުޔޯކުން މީހަކު ފައްސިވެފައިވާއިރު، މިދިޔަ ނޮވެމްބަރު މަހުން ފެށިގެން އެ ސްޓޭޓުން ފައްސިވުމުން އަންނަ މީހުންގެ އިންސައްތަ ވަނީ ބޮޑުތަނުން ކުޑަވެފައެވެ.

"މި ވައްތަރު ފެނުމާއި ގުޅިގެން މިވަގުތު އެންމެން ވިސްނަން ޖެހެނީ މާސްލު އަޅައި، އަށް ދޮވެ، ގައިދުރުކަން އިސްކުރުމަށް." ކޫމޯ ބުންޏެވެ.

އޭނާ ބުނީ، މިވަގުތު ދަނީ އެފަދަ ވައްތަރުތަކަށް ވެކްސިން އުފައްދަމުން ކަމަށާއި ހުރިހާ ރައްޔިތުންވެސް ރައްކާތެރިކަމުގެ ފިޔަވަޅު އަޅައި އުސޫލުތަކަށް ތަބާވެގެން ތިބޭނަމަ އެކަމުން ސަލާމަތްވާނެ ކަމަށެވެ.

ދުނިޔޭގެ އެކި ހިސާބުތަކުގައި ކޮވިޑްގެ އެކި ވައްތަރުތައް އުޅޭއިރު، މިހާތަނަށް ސައިންސްވެރިން ހޯދި ހޯދުންތަކުން ފެނިފައިވަނީ 3 ވައްތަރެކެވެ. އެއީ ދެކުނު އެފްރިކާއިން ފެނުނު B.1.351، ބްރެޒިލް އިން ފެނުނު P.1 އަދި އިނގިރޭސިވިލާތުން ފެނިފައިވާ B.1.1.7އެވެ. މީގެ ތެރެއިން އެންމެ ނުރައްކާތެރި ކަމަށް ސައިންސްވެރިން ބުނަނީ އިނގިރޭސިވިލާތުން ފެނުނު ވައްތަރެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޒާ

    ޗައިނާއިން ފެނުނު ވައްތަރުކޮބާ ދެން