ފޭސް ރިކޮގްނިޝަން ނުވަތަ މޫނު ދެނެގަނެވޭ ގޮތް ހަދަން މަސައްކަތް ކުރާތާ އެތައް އަހަރު ވެފައިވާ އިރު ފަހުގެ ބައެއް އުފެއްދުންތަކުގައި ފޭސް އައިޑީ ބޭނުންވެސް ކުރެވެއެވެ. ދުބާއި އެއާޕޯޓުން މިވަނީ ދުނިޔެއިން ފުރަތަމަ ފަހަރަށް ޕާސްޕޯޓުގެ ބަދަލުގައި މޫނު ދައްކާލައިގެން ފުރޭނެ ގޮތް ހަދައިފައެވެ.

ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓުން "ސްމާޓް ޓްރެވެލް" ސިސްޓަމް މެދުވެރިކޮށް މިހާރު ލިޔެކިއުމެއް ނެތި ފުރޭ ގޮތް ހަދާފައިވާއިރު މީޑިއާތަކަށް ވަނީ އެއާޕޯޓުގައި އެ ސިސްޓަމް ބޭނުން ކުރާ ގޮތް ދައްކާލައިފައެވެ.

ދުބާއީ އެއާޕޯޓުގައި އަލަށް ހަމަޖެއްސި އެ ސިސްޓަމް މަސައްކަތް ކުރާ ގޮތާ ބެހޭ ގޮތުން ބޭރުގެ މީޑިއާތަކުން ރިޕޯޓު ކުރާ ގޮތުގައި އޭގެ ސަބަބުން މިދުވަސްކޮޅު ފެތުރިފައިވާ ބަލިމަޑުކަމުން ރައްކާތެރިވުމަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެއެވެ.

މުސްތަގުބަލުގައި އިމިގްރޭޝަން ޓާމިނަލްތައް ނުހުރެދާނެ

އެންމެ ފަހުގެ ބަޔޯމެޓްރިކް ޓެކްނޮލޮޖީ ބޭނުންކޮށްގެން މޫނު އަދި ލޮލުގެ ކަޅީގެ އެއީ ކާކުކަން ދެނެގަނެވޭނެއެވެ. އަދި ފްލައިޓްތަކަށް ޗެކިން ވުމަށާއި، އިމިގްރޭޝަންގެ ކަންކަން ކުރުމަށް، ލޯންޖުގެ ހިދުމަތް ހޯދުމަށް ބޮޑު ފަސޭހައަކަށް މި ސިސްޓަމްގެ ސަބަބުން ވެގެންދާނެއެވެ.

ހަލީލް ޓައިމްސް އަށް މައުލޫމާތު ދެމުން ދުބާއި އެއާޕޯޓުގެ ފަރާތުން ވާހަކަ ދައްކަމުން މޭޖާ ޖެނެރަލް މުހައްމަދު އަހްމަދް އަލް މައްރީ ވިދާޅުވީ ކުރިޔަށް އޮތް މުސްތަގުބަލުގައި އިމިގްރޭޝަން ޓާމިނަލްތައް ހުންނާނެ ކަމަށް ނުބެލެވޭ ކަމަށެވެ.