އިންޑިއާގެ ވެރިކަން ކުރާ ބަރާތިޔަ ޖަނަޓާ ޕާޓީ (ބީޖޭޕީ) ގެ ލީޑަރަކު ހައްޔަރު ކޮށްފިއެވެ.

މީޑީއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ހައްޔަރު ކޮށްފައިވަނީ އެޕާޓީގެ ލީޑަރެއް ކަމަށްވާ ރަކޭޝް ސިންގއެވެ. އޭނާ ހައްޔަރު ކޮށްފައިވަނީ މަސްތުވާތަކެތީގެ މައްސަލައެއްގައެވެ. އޭނާ އާއި އެކީ އޭނާގެ ދެ ދަރިންވެސް ހައްޔަރު ކޮށްފައިވާ ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.

އިންޑިއާގެ ފުލުހުން ބުނެފައިވަނީ އޭނާ ހައްޔަރު ކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހު 100 ގްރާމް ކޮކެއިން އާއި އެކު ހައްޔަރު ކުރި އެ ޕާޓީގެ ޔޫތް ލީޑަރު ޕަމެލާ ގޮސުވާމީ އާ ގުޅުން ހުރި މައްސަލައަކާއި ގުޅިގެން ކަމަށެވެ.

އޭނާ ހައްޔަރު ކޮށްފައިވަނީ ހުޅަނގު ބެންގަލްއަށް އިން ފުރަން އުޅެނިކޮށް ކަމަށް ފުލުހުން ބުންޏެވެ. ރަކޭޝް ގެ ދެ ފިރިހެން ދަރިން ހައްޔަރު ކޮށްފައިވަނީ ފުލުހުންގެ ނޯކޮޓިކްސް ޑިޕާޓްމެންޓްގެ މީހުން އޭނާ ހުރި ސަރަހައްދަށް ވަންނަން އުޅެނިކޮށް ހުއްޓިވި މައްސަލައިގައެވެ.

ޑްރަގް މައްސަލައިގައި ހައްޔަރު ކޮށްފައިވާ ޕަމެލާ (ވ) އާއި ރަކޭޝް (ކ)

އޭނާ މިހާރު ހުރީ ކޮލްކަތާ ގައި ކަމަށް ފުލުހުން ބުންޏެވެ.

އޭނާގެ މައްޗަށް އެފަދަ ތުހުމަތުތަކެއް ފުލުހުން ކުރި ނަމަވެސް، އޭނާ ވަނީ އެކަމަށް ދެކޮޅު ހަދާފައެވެ. މި މައްސަލައާއި ގުޅިގެން އޭނާ ހައްޔަރު ކޮށްފައިވަނީ މީގެ ކުރިން ފުލުހަށް ހާޒިރުވުމަށް އަންގާފައިވަނިކޮށް، ހާޒިރު ނުވެ ދިއްލީއަށް މަސައްކަތަކަށް ފުރަން އުޅޭކަމަށް ބުނެފައި ވަނިކޮށެވެ.