ސައުދީ އަރަބިއްޔާގެ ޔަންބޫ ސިޓީއަށް އަމާޒުކޮށް ފޮނުވާލި ބްލާސްޓިކް މިސައިލް ޙަމަލާއެއް، އެޤައުމުން ނާކާމިޔާބު ކޮށްލައިފިއެވެ.

މިކަމާއި ގުޅިގެން ސައުދީގެ އަސްކަރިއްޔާއިން ބުނީ، މި ޙަމަލާ ދީފައިވަނި މިއަދުގެ ވަގުތެއްގައި ޔަމަނުން ކަމަށާއި، މިސައިލްގެ މަންޒިލަށް އެ މިސައިލް ވާސިލްނުވަނީ ސައުދީ އެއާ ޑިފެންސް އިން ޙަމަލާ ނާކާމިޔާބުކޮށްލާފައިވާ ކަމަށެވެ.

މި ޙަމަލާ ސައުދީއަށް ފޮނުވާލާފައިވަނީ، ޔަމަނުގައި ޙަރަކާތްތެރިވާ ހޫތީ ހަނގުރާމަވެރިންނެވެ. އެ ޖަމާޢަތުން މީގެ ކުރިންވެސް އެކި ފަހަރު މަތިން ސައުދީއަށް ވައިގެ މަގުން ޙަމަލާ ދިނުމަށް މަސައްކަތްކޮށްފައިވާއިރު އެކަން ކާމިޔާބުވެފައެއް ނުވެއެވެ. އެ ޖަމާޢަތުން ވަނީ މިއަދު ފޮނުވާލި ޙަމަލާގެ ޒިންމާ ވެސް ނަގާފައެވެ.

މިއަދު ސައުދީއަށް މިސައިލް ޙަމަލާއެއް އަމާޒުކޮށްފައި މިވަނީ، އީރާނުން ޔަމަންގެ ހަނގުރާމަވެރި ޖަމާޢަތްތަކަށް އެހީތެރިވެ ހަތިޔާރު ފޯރުކޮށްދެމުންދާތީ އެކަން ހުއްޓުވުމަށް ފިޔަވަޅު އަޅާނެކަން އަރަބި ކޯލިޝަނުން ބުނެފައިވަ ދަނޑިވަޅެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު