ތަންޒޭނިއާގައި ފިނޭންސް މިނިސްޓަރު ފިލިޕް މެންގޯ ނޫސްވެރިންނާ ބައްދަލު ކުރައްވައި ކޮވިޑް-19 ޖެހިފައި ނުވާ ކަން ހާމަ ކުރައްވަމުން ގެންދަވިތާ މާ ގިނަ އިރުތަކެއް ނުވެ، ކެއްސަން ފެށުމުން ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވެއްޖެއެވެ.

އެ ގައުމުގެ ފިނޭންސް މިނިސްޓަރު ނޫސްވެރިންގެ ބައްދަލުވުމުގައި ކެއްސީ ކޮވިޑް ނެތް ކަމަށް ދައުވާ ކުރަމުން ދަނިކޮށެވެ. މިނިސްޓަރު ނޫސްވެރިންނާ އެކު ބައްދަލުވުން ބޭއްވީ އޭނާ އެޑްމިޓް ކޮށްފައި އޮތް ހޮސްޕިޓަލުގެ ތެރޭގައިއެވެ. އަދި އޭނާ ކައިރީގައި ޑޮކްޓަރުންނާއި ނަރުހުން ވެސް ތިބިއެވެ.

އޭނާ ނޫސްވެރިންނާ ބައްދަލު ކުރީ ކޮވިޑް ޖެހިގެން ވަރަށް ހާލު ދެރަ ކަމަށް ރިޕޯޓުތައް ބުނަން ފަށާފައި ވަނިކޮށެވެ.

 

މިނިސްޓަރު ފިލިޕް މެންގޯ ހޮސްޕިޓަލުގައި އެޑްމިޓް ކުރި ސަބަބެއް ކަމަށް އަޑުފެތުރިފައި ވަނީ އޭނާ ކޮވިޑް ޖެހިގެން ކަމަށް ވާއިރު އޭނާ ނޫސްވެރިންގެ ބައްދަލުވުމުގައި މާސްކު ނާޅާ ހުރެ ކެއްސުމުން އެ ގައުމުގެ ނޫސްވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ފިލިޕް މެންގޯ ކޮވިޑަށް ފައްސި ވެފައިވާ ކަމަށް އަޑު ފެތުރިފައި އޮންނަތާ ދުވަސްކޮޅެއް ކުރިން އެ ގައުމުގެ ރައީސް ޖޯން މަފުގުލީ ވެސް ވަނީ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައެވެ. ތަންޒޭނިޔާގެ ސްޓޭޓްތަކުގައި ނިއުމޯނިޔާ އަދި ނޭވާލާން އުނދަގޫ ވެގެން ކަމަށް ބުނެ އެތައް ބަޔަކު މަރުވަމުންދާ މި ދަނޑިވަޅުގައި އެ ގައުމަށް ދަތުރުކުރުން ވެސް ބައެއް ގައުމުތަކުން ވަނީ މަނާކޮށްފައެވެ.

ތަންޒޭނިޔާގައި ހަލުވިކަމާ އެކީ ކޮވިޑް ފެތުރޭ ކަމަށް އަޑުފެތުރިފައިވާ މި ދަނޑިވަޅުގައި އެ ގައުމުގެ ސަރުކާރު ހަމަހިމޭންކޮށް އޮންނާތީ އެ ގައުމުގެ ރައްޔިތުން މިހާރު ތިބީ ނުރައްކަލެއްގެ ތެރޭގައި ކަމަށް މީޑިއާތައް ރިޕޯޓު ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސޮރީ

    އެޤައުމުގަ ނެއްތަ ނަންނުޖަހާ ގޮތައް ޝަރުތުކޮއް ވަގުތައް މައްލޫމާތު ފޯރު ކޮއްދޭނެ ފަރާތެއް.