ޓެކްނޮލޮޖީ ދާއިރާގެ އެންމެ ވަރުގަދަ ކުންފުނިތައް ކަމަށްވާ ގޫގުލް އާއި ފޭސްބުކް ފަދަ ވެބްސައިޓްތަކުގައި ޚަބަރު ޝެއާ ކުރާނަމަ އެޚަބަރު ލިޔެފައިވާ އަސްލު ވެބްސައިޓަށް ކުންފުނިތަކުން ފައިސާ ދައްކަން ޖެހޭ ގޮތައް އޮސްޓްރޭލިއާ އިން ޤާނޫނު ފާސްކޮށްފިއެވެ.

މިއީ މިފަދަ ގާނޫނެއް ދުނިޔޭގައި ވެސް ފާސްކުރި ފުރަތަމަ ފަހަރެވެ. އޮސްޓްރޭލިއާ އިން މިޤާނޫނު ފާސްކޮށްފައި މިވަނީ ގޫގުލް އާއި ފޭސްބުކް އިން ޤާނޫނާއި ދެކޮޅަށް ވަރަށް ބޮޑަށް އިހްތިޖާޖް ކުރަމުން ދަނިކޮށެވެ. ފޭސްބުކް އިން ވަނީ އޮސްޓްރޭލިއާގައި ފޭސްބުކް މެދުވެރިކޮށް ޚަބަރު ޝެއާ ކުރުން ހުއްޓާލާފައެވެ. ނަމަވެސް މިހާރު އަލުން ވަނީ ޚިދުމަތް ދޭން ފަށާފައެވެ. ގޫގުލް އިން ވެސް ވަނީ އޮސްޓްރޭލިއާގައި ޚިދުމަތް ދިނުން ހުއްޓާލަން ޖެހިދާނެ ކަމުގެ އިންޒާރު ދީފައެވެ.

ގޫގުލް އާއި ފޭސްބްކުގެ ނުރުހުމުގެ ސަބަބުން އޮސްޓްރޭލިއާ އިން ވަނީ އެންމެ ފަހުވަގުތު ޤާނޫނަށް ބޮޑު ބަދަލެއް ވެސް ގެނެފައެވެ. އެއީ ޚަބަރު ޝާއިއު ކުރާ ކުންފުނިތަކާއި ގޫގުލް އާއި ފޭސްބުކް އަށް މަޝްވަރާ ކުރަން އިތުރު ވަގުތު ދިނުމަށް ގެނައި އިސްލާހެކެވެ.

އޮސްޓްރޭލިއާ އިން ބުނާ ގޮތުގައި މިފަދަ ޤާނޫނެއް ފާސްކުރުމުގެ ބޭނުމަކީ ބޮޑެތި ޓެކް ކުންފުނިތަކުގެ ބާރުގެ ދަށަށް ހުރިހާ ކަމެއް ދިއުން ހުއްޓުވުމެވެ.

ފޭސްބުކް އާއި ގޫގުލް އަކީ ޚަބަރު ޝާއިއު ކުރާ ނޫސްތައް ބޭނުންކޮށް ބޮޑު އާމްދަނީއެއް ހޯދަމުން އަންނަ ދެކުންފުންޏެވެ. ދިރާސާތަކުން ދައްކާ ގޮތުގައި އޮސްޓްރޭލިއާގެ ކުންފުނިތަކުން އިސްތިހާރު ކުރުމަށް ހޭދަކުރާ ކޮންމެ 100 ޑޮލަރަކުން 49 ޑޮލަރު ދަނީ ގޫގުލް އަށެވެ. 24 ޑޮލަރު ދަނީ ފޭސްބުކް އަށެވެ. އެހެންކަމުން އެހެން ފަރާތްތަކަށް ލިބެނީ ވަރަށް މަދު އަދަދެއްގެ އާމްދަނީއެކެވެ.

ނަމަވެސް ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި ނޫސްތަކަށް އާމްދަނީ ހޯދައިދިނުން އެއީ ގޫގުލް އާއި ފޭސްބުކް އިން ކުރަން ޖެހޭ ކަމެއް ނޫނެވެ.