އިންޑިއާގެ ސްކޫލެއްގައި ކިޔަވަމުން އަންނަ 229 ދަރިވަރުންނާއި މުވައްޒަފުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

އެގައުމުން ފައްސިވެފައިވަނީ މަހަރަސްތްރަ އަވަށުގައި ހުންނަ ސްކޫލެއްގައި ކިޔަވަމުން އަންނަ ދަރިވަރުންތަކެކެވެ.

އެގައުމުގެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ފައްސިވެފައިވާ ދަރިވަރުންގެ ތެރޭގައި ހިމެނެނީ 225 ދަރިވަރުންނެވެ. ބާކީ 4 މީހުންނަކީ އެ ސްކޫލްގައި މަސައްކަތް ކުރަމުން އަންނަ މުވައްޒަފުންނެވެ. އެ ސްކޫލުގެ ގިނަ ބަޔަކު ފައްސިވުމާއި ގުޅިގެން މިހާރު ސްކޫލް ވަނީ ބަލި ފެތުރޭ ތަނެއްގެ ގޮތުގައި ކަނޑައަޅައި ބަންދު ކޮށްފައެވެ.

މި 229 އާއި އެކު އެ ހިސާބުގެ އެހެން ސްކޫލްތަކުން ފައްސި އަދަދު ވަނީ 327 އަށް އަރާފައި ކަމަށްވެސް މީޑީއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.

އެގައުމުގެ ހެލްތް މިނިސްޓްރީން ހާމަ ކޮށްފައިވާ ގޮތުގައި މިއީ ފާއިތުވި ހަތަރު މަސް ދުވަހުގެ ތެރޭގައި އެންމެ ގިނަ ދަރިވަރުން ފައްސިވެފައިވާ ފަހަރެވެ.

އެގައުމުގެ އިދާރާތަކުން މިހާރު ވަނީ ބަލި ހަލުވި ކަމާއި އެކީ ފެނިފައިވާ ސްކޫލްތައް ބަންދުކޮށް ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ފަށާފައެވެ.

އިންޑިއާއިން މިހާތަނަށް 11 މިލިއަނަށްވުރެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވެފައިވާއިރު، އޭގެ ތެރެއިން 156،742 މީހަކު ވަނީ ބަލި ޖެހިގެން މަރުވެފައެވެ. އަދި މިހާތަނަށް އެގައުމުން ބަލި ޖެހުނު މީހުންގެ ތެރެއިން 10 މިލިއަނަށްވުރެ ގިނަ މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.