މެކްސިކޯގެ ޖޮކްއިން "އެލް ޗަޕޯ" ގުޒްމަން އެމެރިކާގެ ޖަލެއްގައި ޙުކުމް ތަންފީޒު ކުރަމުން ގެންދަނިކޮށް އޭނާގެ އަނބިމީހާ އެމާ ކޮރޮނެލް ވެސް މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ތުހުމަތުގައި އެމެރިކާ އިން މިހަފްތާގައި ހައްޔަރު ކުރުމާއިއެކު ދުނިޔޭގެ ސަމާލުކަން ވަނީ އެކަމަށް ލިބިފައެވެ.

އެލް ޗަޕޯގެ އަނބިމީހާ އަށް ކުރިން ދުނިޔޭގެ ސަމާލުކަން ލިބުނު އެއްކަމަކީ އޭނާގެ ރީތި ކަމެވެ. ނަމަވެސް މިހާރު އޭނާ އަކީ ވެސް މަސްތުވާތަކެތީގެ "ބޮޑެއް" ކަމަށް ތުހުމަތު ކުރެވެއެވެ. އެމާގެ މައްޗަށް މިހާރު ވަނީ މަސްތުވާތަކެތީގެ ބާވަތްތަކެއް ކަމަށްވާ ހެރޮއިން، މެތަޕެޓަމައިން، އަދި މަރުޖުއާނާ އެމެރިކާގެ އެކި ސަރަހައްދުތަކަށް ފޮނުވުމުގައި ބައިވެރިވި ކަމުގެ ތުހުމަތު ކޮށްފައެވެ. އަދި 2015 ވަނަ އަހަރާއި 2016 ވަނަ އަހަރު އެލްޗަޕޯ މެކްސިކޯގައި ހައްޔަރުކޮށްފައި ހުއްޓާ ޖަލުން ފިލަން ވެސް އެމާ އެހީތެރިވެދިން ކަމަށް ތުހުމަތު ކުރެއެވެ.

އެމާގެ މައްޗަށް ދައުވާތަކެއް ކޮށްފައި ވީނަމަވެސް ނަން ހާމަކުރަން ބޭނުން ނުވާ އެމެރިކާގެ އޮފިޝަލަކު މީޑިއާއަށް މައުލޫމާތު ދެމުން ބުނީ އެމާ ފުލުހުންނާއި ހަވާލުވީ އަމިއްލައަށެވެ. އޭނާގެ މައްޗަށް ދައުވާތަކެއް ކޮށްފައި ވަނީ ވެސް އަމިއްލަ އިސްނެގުމަށް ދިން އިއުތިރާފު ބަޔާންތަކެއްގެ މައްޗަށް ބިނާކޮށް ކަމަށް އޮފިޝަލް ބުންޏެވެ.

އޮފިޝަލް އިތުރަށް ބުނީ އެލް ޗަޕޯގެ ކާޓެލް ކަމަށްވާ ސިނަލޯއާ ކާޓެލްގެ ސިއްރުތައް ވެސް ފުލުހުންނަށް އެމާ މިހާރު ދަނީ ކިޔައި ދެމުންނެވެ.

އެމާ އަށް އުމުރުން 18 އަހަރުވީ ތަނުން އޭނާ ވަނީ އެލް ޗަޕޯ އާއި ކައިވެނި ކޮށްފައެވެ. އެއީ 2007 ވަނަ އަހަރު އެވެ.

އެމެރިކާގެ ޕްރޮސެކިއުޓަރުން ކޯޓަށް ހުށަހަޅާފައިވާ ލިޔުންތައް ބުނާ ގޮތުގައި އެމާގެ ބައްޕަ އަކީ ވެސް އެލްޗަޕޯ ކާޓެލްގެ އިސް މެންބަރެކެވެ. އެމާއަށް ވަރަށް ކުޑައިރުއްސުރެ މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ގޮތް އެނގޭ ކަމަށާއި އެވިޔަފާރީގެ ތެރޭގައި އޭނާ އައީ ބައިވެރިވަމުން ކަމަށް އެމެރިކާގެ ފުލުހުން ހޯދި މައުލޫމާތުތަކުން އެނގޭ ކަމަށް ޕްރޮސެކިއުޓަރުން ބުނެއެވެ.

2012 ވަނަ އަހަރުން 2014 ވަނަ އަހަރަށް އެލްޗަޕޯ ފިލައިގެން އުޅުނުއިރު އޭނާ އާއި އޭނާގެ ގޭންގް ގުޅުވައިދޭ މެސެޖްތައް ރައްދު ކޮށްދިނުމުގެ މަސައްކަތް ވެސް ކުރީ އެމާ ކަމަށް ވެއެވެ.

އެމާ އާއި އެލްޗަޕޯ އަށް ވަނީ އެއްމާބަނޑު ދެކުދިން ލިބިފައެވެ.

އެލްޗަޕޯގެ މެކްސިކޯ އިން އެމެރިކާ އާއި ހަވާލު ކުރުމުން އެމެރިކާގައި އޭނާގެ ޝަރީޢަތް ކުރިއަށް ގެންގޮސް 2019 ވަނަ އަހަރު ވަނީ އޭނާ އުމުރަށް ޖަލަށް ލުމަށް ޙުކުމް ކޮށްފައެވެ. އެލްޗަޕޯ އުމުރަށް ޖަލަށްލި މައްސަލަ ވަނީ އިސްތިއުނާފު ކޮށްފައެވެ.