އެމެރިކާގެ މެދުތެރޭގެ ޤައުމެއް ކަމަށްވާ ގުއަޓެމަލާގެ ބިޔަ އަލިފާން ފަރުބަދައިގައި އިތުރު ގޮވުމެއް ގޮވައި އެ ސަރަޙައްދުގެ ގިނަ ބަޔަކަށް ނުރައްކާ ބޮޑުވެއްޖެއެވެ.

ގުއެންޓެމާލާގެ "ވޮލްކަން ޑީ ފުއޭގިއޯ" ގޮވައި މިހާތަނަށް 72 މީހަކު މަރުވެގެން ރިޕޯޓްކޮށްފައިވާއިރު، އެންމެ ފުރަތަމަ މި ފަރުބަދައިގައި ބާރުގަދަ ގޮވުމެއް ގޮވާފައިވަނީ މިދިޔަ އާދީއްތަ ދުވަހުގެ ވަގުތެއްގައެވެ. ކުއްލި ގޮތަކަށް މި ފަރުބަދަ ގޮވަން ފަށައި ހިނގި ހާދިސާގައި ގިނަ ބަޔަކު ޒަޚަމްވެ އެތައް ބަޔަކު ވީނުވީއެއް ނޭނގި ވަނީ ގެއްލިފައެވެ.

މި ހާދިސާ ހިނގާފައިވަނިކޮށް، އަނެއްކާވެސް ފަރުބަދައިގައި އިތުރު ބާރުގަދަ ގޮވުމެއް ގޮވައި، މީގެ ކުރިން އަލިފާނުގެ އަސަރު ކޮށްފައިނުވާ، އެ ފަރުބަދައިގެ ދެކުނު ފަރާތަށް އަލިފާން ފައިބަމުންދާއިރު، ބޮޑެތި އަލިފާނުގެ ކޯރުތައް އުފެދިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މިހާތަނަށް މި ފަރުބަދަ ގޮވުމުން، އެކަމުގެ އަސަރު އެޤައުމުގެ 1.7 މިލިއަން މީހުނަށް ކޮށްފައިވާއިރު، ތިންހާހަށްވުރެ ގިނަ މީހުން ވަނީ ރައްކާތެރި ސަރަޙައްދުތަކަށް ބަދަލުކޮށްފައެވެ. މިއިން ބައެއް މީހުން ދިރިއުޅެމުންދިޔަ ގެދޮރު އެ ސަރަޙައްދުގައި ހުރިއިރު، އަލިފާން ފަރުބަދަ ގޮވައިގެން ހިނގި ހާދިސާއަށްފަހު މިހާރު އެ ގެތައް ހުރީ ފަރުބަދައިން ފޭބި ހިލަތަކުގެ ދަށުވެ ވަޅުލެވިފައެވެ.

މި އަލިފާން ފަރުބަދަ ގޮވުމުގެ ހާދިސާއަށްފަހު ފަރުބަދަ ހުރި ސަރަޙައްދުން 33،000 ފޫޓު މައްޗަށް ދުން ފެތުރިފައިވާއިރު، ދުމުގެ އަސަރު ސަރަޙައްދުގައި ހިމެނޭ ބައެއް އެހެން އަވަށްތަކަށްވެސް ކުރަމުންދާނެ ކަމަށް ވަނީ ބެލެވިފައެވެ.

ކުއްލިއަކަށް "ވޮލްކަން ޑީ ފުއޭގިއޯ" ގޮވަން ފެށި ހާދިސާއަށްފަހު މީހުން ސަލާމަތްކުރުމުގެ މަސައްކަތަށް އޮފިޝަލުންނިކުމެފައި ވާއިރު، މި ސަރަޙައްދުގައި ދިރިއުޅުނު ޢާންމުންނަށް މީގެ ކުރިން ވަނީ ފަރުބަދަ ގޮވައިފިނަމަ ކަންތައް ކުރަންވީގޮތް ދަސްކޮށް ދިނުމަށް ޚާއްސަ ޓްރޭނިންގެއްވެސް ދީފައެވެ. ނަމަވެސް އަލިފާން ފައިބައިގެން މީހުންގެ ގެދޮރާއި ހަމައަށްވާސިލްވިގޮތް އަވަސްވުމުން އެކަންކަން ކުރުމަށް ހުރަސް އެޅުނުކަމަށް އޮފިޝަލުން ވަނީ ބުނެފައެވެ.

މިހާދިސާއާއި ގުޅިގެން ގުއަންޓެމޭލާގެ އިންޓަނޭޝަނަލް އޭއާޕޯޓް ބަންދު ކޮށްފައިވާއިރު އިތުރު ބަޔަކު ރައްކާތެރި ހިސާބުތަކަށް ބަދަލު ކުރަން ކަމާބެހޭ ފަރާތްތަކުން ދަނީ މަސައްކަތް ކުރަމުންނެވެ. އެންމެ ފަހުން މިފަރުބަދަ ގޮވާފައިވަނީ 2015 ވަނަ އަހަރުގެ މާރިޗް މަހުގެ ތެރޭގައެވެ. އޭގެ ކުރިން އެންމެ ފަހުން ފަރުބަދަގޮވީ 2004 ވަނަ އަހަރުގެ ތެރޭގައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސައިނީ

    މެދުތެރޭ އެމެރިކާއެއްނޫނޭ ސައުތު އެމެރިކާގެ ގައުމެކޭ

  2. ނުރަބޯ

    ރަގަޅު. އިޒްރޭލުން ފޭރިގެންފައިވާ އަލްގުދްސް ގެ ބިމަށް އެމްބަސީ ބަދަލުކުރި ގައުމެއް މި ގުއަޓިމާލާ އަކީވެސް.