ޖަރުމަންވިލާތުގެ ސަރުކާރުން ދޭ އެންމެ މަތީ ޝަރަފް ކޮވިޑް-19 އަށް ވެކްސިން އުފެއްދި ބައޯއެންޓެކްގެ ވެރިން ކަމަށްވާ އޮޒެމް ޓްރޫސީ އާއި އުގޫރު ސާހީންއަށް ދޭންނިންމި ކަން ޖަރުމަންވިލާތުގެ ސަރުކާރުން އިއުލާން ކޮށްފިއެވެ.

"ނައިޓް ކޮމާންޑާސް ކްރޮސް" ނަމުގައި ދެމުން އަންނަ ޝަރަފް ލިބޭނެ ބައޯއެންޓެކްގެ ވެރިންނަކީ މުސްލިމުން ދެމަފިރިންނެވެ. މިހާރު ޖަރުމަންވިލާތުގެ ރައްވެހިންގެ ގޮތުގައި ތިއްބެވި ނަމަވެސް އެބޭފުޅުންގެ އާއިލާ ގުޅެނީ ތުރުކީވިލާތާއިއެވެ.

ޖަރުމަންވިލާތުގެ ރައީސް ފްރެންކް ވޯލްޓާ ސްޓެމިއާ ވިދާޅުވީ ކޮވިޑް-19 ބަލިމަޑުކަން ކޮންޓްރޯލް ކުރުމުގައި ބައޯއެންޓެކް އާއި ފައިޒާ ގުޅިގެން އުފެއްދި ވެކްސިނަކީ އެންމެ މުހިއްމު އެއް ބައިވެރިޔާ ކަމަށާއި ވެކްސިން އުފެއްދުމުގައި ސާހީންގެ ދެމަފިރިން ކޮށްފައި ވަނީ އާދަޔާއި ހިލާފު މަސައްކަތެއް ކަމަށެވެ.

"ނައިޓް ކޮމާންޑާސް ކްރޮސް" ބައޯއެންޓެކްގެ ވެރިންނަށް އަރުވާނީ މާޗް މަހުގެ 19 ވަނަ ދުވަހު އޮންނަ ހާއްސަ ރަސްމިއްޔާތެއްގައެވެ. އެރަސްމިއްޔާތުގައި ޖަރުމަންވިލާތުގެ ރައީސް ވޯލްޓާގެ އިތުރުން ޗާންސެލަރ އެންޖެލާ މާކެލް ވެސް ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

މިއަދު ދުނިޔޭގެ ނަން ހިނގާ ކުންފުންޏަކަށް ބައޯއެންޓެކް ވެގެން ގޮސްފައި ވަނީ 2008 ވަނަ އަހަރު ސާހީންގެ ދެމަފިރިން ފެށި ވަރަށް ކުޑަކުޑަ ވިޔަފާރިއަކުންނެވެ. ބައޯއެންޓެކް އިން އާޓެކްނޮލޮޖީއެއް ބޭނުން ކޮށްގެން ކޮވިޑް-19 އަށް އުފެއްދި ވެކްސިނަކީ މިހާރު ކޮވިޑާއި ދެކޮޅަށް ބޭނުން ކުރަމުން އަންނަ ވެކްސިންތަކުގެ ތެރެއިން އެންމެ ބޮޑަށް ރައްކާތެރިކަން ކަށަވަރު ކޮށްދޭ ވެކްސިނެވެ.

ސާހީން ކުރިން ވިދާޅުވެފައި ވަނީ ވެކްސިން އުފެއްދުމުގައި އެކުންފުންޏަށް ބޮޑު ކާމިޔާބެއް ލިބުމުގެ އަސްލަކީ ދުނިޔޭގެ 60 އަށްވުރެ ގިނަ ތަފާތު ގައުމުތަކަށް ނިސްބަތްވާ އެތައް ސައިންސްވެރިންނެއް ބައޯއެންޓެކްގައި ކުރި ބުރަ މަސައްކަތް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދަރަނި ދަންތުރަ

    އިބޫ މިވެކުސިން ގެނެސްބަލަ ދިވެހިންގެ ގަޔަށް ޖަހަށް ދިވެހިންނަށް ހެޔޮއެދޭކަމަށް ވަނީ ނަމަ

    9
    1