އިސްރާއީލްގައި ވިހަ ގަދަ ތެލުގެ އަސަރުކޮށް ބަލިވި ވެލައެއް ބޭހެއްގެ ގޮތުގައި މަޔޮނައިސް ދީގެން ސަލާމަތްކޮށްފިއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި އިސްރާއީލްގައި ތިމާވެއްޓަށް އެންމެ ބޮޑަށް ގެއްލުން ލިބެނީ ވިހަގަދަ ތެލުގެ އަސަރުކޮށްގެންނެވެ. އަދި މޫދަށް ތެޔޮ އެޅޭ ގޮތް ތަހުގީގު ކުރުމުގެ މަސައްކަތް ކުރާ އިރު، ވެލަޔަށް މިހާ ބޮޑު ގެއްލުމެއް ލިބުނީ ބޯޓަކުން އެޅުނު ތެލުން ކަމަށް ބެލެވެއެވެ.

އެއްހާހަށް ވުރެ ގިނަ ވޮލަންޓިއަރުންނާއި ސިފައިންގެ މީހުން ދަނީ ތިމާވެއްޓަށް ގެއްލުންވާ ފަދަ ތަކެތި ނައްތާލުމަށް އެހީތެރި ވަމުންނެވެ.

ނޭޝަނަލް ސީ ޓާޓަލް ރެސްކިއުގެ ޑިރެކްޓަރު، ޔެއިން ލެވީ ބުނެފައިވަނީ 27 ވެލަޔަަށް ފަރުވާކޮށްފައިވާ ވާ ކަމަށެވެ. އޭގެ ތެރެއިން ހަ ވެލަޔަކީ ނޭވާލާ ނިޒާމުގެ މައްސަލަ ހުންނަ ހަ ވެލާ ކަމަށް އޭނާ ބުންޏެވެ.

"ވެލާތަކަށް ވަނީ ފަރުވާ ނުކޮށް ސަލާމަތް ނުވެވޭނެ ފަދަ ގެއްލުންތަކެއް ވެފައި. ބަނޑާއި، ލޮލާއި، ނޭފަތުގައި އަދި އަނގަޔާއި ބޮލުގައި ވަނީ ޓާ އެޅިފައެވެ. ފަރުވާ ދިނުމުގެ ކުރިން ފުރަތަަމަ ނޭފަތާއި ލޮލުން ޓާ ނައްޓުވައިލީ،" އޭނާ ބުންޏެވެ.

ލެވީ ބުނެފައިވަނީ ޓާ ފަށަލަ ތުނި ކުރުމަށް ތަރުކާރީ ތެޔޮ ބޭނުންކޮށް، މަޔޮނައިސް ދީފައިވަނީ ބަނޑާއި ގޮހޮރުން އެ ފޮހެލުމަށެވެ.

އެސޯސިއޭޓެޑް ޕްރެސް ނިއުސް އެޖެންސީއަށް، މެޑިކަލް އެސިސްޓެންޓެއް ބުނެފައިވަނީ ޓާގެ އަސަރު ކެނޑުވުމަށް މެދު ކެނޑުމެއް ނެތި މަޔޮނައިސް ދީފައިވާ ކަމަށެވެ.

ރެސްކިއު ޓީމް އިން ބުނެފައިވަނީ ބެލެވޭ ގޮތުގައި ދެ ހަފްތާ ތެރޭގައި ވެލާތަށް ރަނގަޅުވާނެ ކަމަށެވެ.

މިއީ ބޭހެއްގެ ގޮތުގައި ވެލާތަކަށް މަޔޮނައިސް ދިން ފުރަތަމަ ފަހަރެއް ނޫނެވެ.

ކިޔުންތެރިންގެ ހިޔާލު