އުއިގާ މުސްލިމުންނާ ދެކޮޅަށް ޗައިނާއިން ހިންގީ ގަތުލުއާންމެއް (ގީނޯސައިޑް) އެއް ކަމަށް ބަލައިގަތުމަށް ކެނެޑާއިން ވޯޓު ދީފިއެވެ.

ކެނެޑާގެ ގާނޫނު ހަދާ މަޖިލީހުގައި މިއަދު ކުރިއަށް ދިޔަ މި ވޯޓުގައި އެ ގައުމުގެ ބޮޑުވަޒީރު ޖަސްޓިން ޓްރުޑިއުގެ އިތުރުން އިތުރު ބައެއް ސީނިއާ ކެބިނެޓް މެމްބަރުން ބައިވެރިނުވި ނަމަވެސް، ބައިވެރިވި އެހެން ހުރިހާ މެމްބަރުންގެ އަގުލަބިއްޔަތުން ވަނީ އެކަން ފާސްވެފައެވެ.

މިއާއެކީ ކެނެޑާ ވެގެން ދަނީ ޗައިނާއިން އިއުގާގެ މުސްލިމުންނަށް ކުރަމުން އަންނަނީ ގަތުލުއާންމެއް ކަމަށް ބުނި ދެވަނަ ގައުމަށެވެ. ދެން ޗައިނާއިން ދެމުން އަންނަނީ ގަތުލުއާންމެއް ކަމަށް ބުނެފައިވަނީ އެމެރިކާއިންނެވެ.

އެމެރިކާއިން އެގޮތަށް ނިންމާފައިވަނީ އެގައުމުގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވައިޓް ހައުސް ދޫކޮށް ދިއުމުގެ ކުޑައިރުތަކެއް ކުރިންނެވެ.

މި ދެ ގައުމުގެ އިތުރުން އިނގިރޭސިވިލާތުގައި ވެސް ވަނީ އެކަމަށް ވޯޓެއް ނަގަން މަސައްކަތް ކޮށްފައެވެ.

ނަމަވެސް އެގައުމުގެ އެކަން ވަނީ ނުކުރެވޭ ގޮތްވެފައެވެ.

ކެނެޑާއިން އެފަދަ ނިންމުމެއް ނިންމުމާއެކު އެގައުމުގެ ބޮޑުވަޒީރުއަށް ސިޔާސީ ގޮތުން އެކި ކަހަލަ ގޮންޖެހުންތައް އަންނާނެ ކަމަށް ބެލެވެއެވެ. އެއީ ކެނެޑާގެ ބޮޑުވަޒީރަކީ ފާއިތުވި ދުވަސްތަކުގައި ޗައިނާއާ އޮންނަ ގުޅުން ބަދަހިކުރުމަށް މަސައްކަތް ކުރަމުން އައި ބޭފުޅަކަށް ވާތީއެވެ.

އޭނާ ވަނީ މީގެ ކުރިންވެސް އެކަމަށް ވޯޓެއް ނެގުމަށް ވާހަކަ ދެކެވުމުން އެކަން ކޮށްގެން ނުވާނެ ކަމަށް ބުނެ، ނޫސްވެރިންގެ ބައްދަލުވުމުއްގައި ގަތުލުއާންމު އަކީ އެއީ ވަރަށް ހާލަތެއްގައި ބޭނުން ކުރެވޭނެ ބަހެއް ކަމަށާއި ޗައިނާ މީހުންނަށް އެ ބަސް ބޭނުން ކުރުމަށް އިތުރަށް ތަހުގީގު ކުރަން ޖެހޭ ކަމަށް ބުނެފައެވެ.

ކެނެޑާއިން ނެގި ވޯޓާ ގުޅިގެން ޗައިނާއިން ކެނެޑާއަށް އައްޔަން ކޮށްފައިވާ އެމްބެސެޑަރު ވަނީ ވޯޓާއި ބެހޭ ގޮތުން އެކި ވާހަކަތައް ދައްކައިފައެވެ. އެމްބެސެޑަރު ބުނީ، އޮއްޓަވާގެ އޮފިޝަލުން ތިބެން ޖެހޭނީ ޗައިނާގެ ސިޔާސީ މަޝްރޫއާއި ދުރުގައި ކަމަށެވެ.

ޗައިނާގެ އުއިގާ އަކީ ގިނަ ބަޔަކު އަމިއްލަ ގެދޮރު ކަމަށް ބަލަމުން އަންނަ މުސްލިމް ދަރިފަސްކޮޅެއް އޮންނަ ސަރަހައްދެކެވެ. އެތަނުގައި އުޅޭ މިލިއަނަކަށްވުރެ މުސްލިމުން ޗައިނާ ސިފައިން ވަނީ ޒިންޖިންގައި ހަދާފައިވާ ކޭމްޕްތަކަށް ބަދަލު ކޮށް ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން އެކި ކަހަލަ އަނިޔާތައް ކޮށްފައި ކަމަށް ރިޕޯޓްތަކުން ބުނެފައެވެ.

ނަމަވެސް ޗައިނާއިން ވަނީ އެފަދަ ތުހުމަތުތަކަށް އިންކާރު ކޮށްފައެވެ.

އުއިގާގެ މުސްލިމުންނަށް ޗައިނާ މީހުން އަނިޔާ ކުރަން ފަށާފައިވަނީ އެގައުމުގެ ރައީސް ޒީ ޖިންޕިންގެ އަމުރަކަށެވެ. އެ އަމަރުގައި އޭނާ ވަނީ އެތަނުގައި ތިބި މުސްލިމުންނަށް "ހަމްދަރުދީ" ނުވުމަށް އަންގައިފައެވެ. އެގޮތުގެ މަތިން 2014 ވަނަ އަހަރުން ފެށިގެން މިއަދާއި ހަމައަށް އެތަނުގައި ތިބި މީހުންނަށް އަންނަނީ އެކި ކަހަލަ އަނިޔާތައް ލިބެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ސާބަސް

    ޗައިނާއިން ކުރިކަމެއް ވީމަ މިނޫހުގައި ކޮމަންޓު ނުލިޔަނީތަ ، މި ނޫހުގަ މިޚަބަރު ލިޔުނު ބޭފުޅާވެސް ކުއްވެރިވާނެދޯ. އާއްމުކޮށް ޗައިނާގެ މިފަދަ ޚަބަރުތައް ނުލިޔާނެ.

    10
    3
  2. ސިނެކް

    މީވެސް މުސްލިމް މިނިވަން ގަ އުމެކޯ

    7
    2
  3. ތަންދޮރު

    ވަރަށް ނުބައިމީހެއް ޝީޖިންޕިން އަކީ..އަދި ބަލަން ހުންނާތި ނުލަފާ ޖައްބާރާ ކަލެޔަށް ވެގެންދާނެގޮތް..

    6
    2
  4. އަލި ދީދީ

    ޗައިނާ އަދި އިންޑިއާ މި މުސްލިމުންނަށް ނުހަނު ދުއްޕާން ކުރާ ބައެއް.. އަނިޔާވެރި ބައެއް.. ދިވެހި ދައުލަތުން އެބަ ޖެހޭ މި މީހުންނާއި މެދު އޮންނަ ގުޅުން ވަކި އިމެއްގަ ހިފަހައްޓަން.. އެހެން ނޫނީ އަހަރުމެން ޤައުމުގައި އަހަރުމެންގެ މައްޗަށް އެބައިމީހުން ގަދަކޮށް، އަމުރު ކުރަން ފަށާނެ..