ކޮވިޑް-19 އިން ސަލާމަތްވުމަށް އެމެރިކާގެ ޖޯންސަން އެންޑް ޖޯންސަން އިން އުފެއްދި ވެކްސިން ކުއްލި ހާލަތުގައި ބޭނުން ކުރުމުގެ ހުއްދަ އެމެރިކާގެ އެފްޑީއޭ އިން ދީފިއެވެ. ޖޯންސަން އެންޑް ޖޯންސަންގެ ވެކްސިނަކީ ކޮވިޑުން ދިފާއުވުމަށް އެންމެ ޑޯޒެއް ދޭން ޖެހޭ ވެކްސިނެކެވެ.

ޖޯންސަން އެންޑް ޖޯންސަންގެ ވެކްސިނަށް ހުއްދަ ދިނުމަށް އެފްޑީއޭގެ ޕެނަލްގައި ނެގި ވޯޓްގައި 22 ސައިންސްވެރިން ވެސް ވޯޓް ދިނީ ވެކްސިން ބޭނުން ކުރުމުގެ ހުއްދަ ދިނުމަށެވެ. ވެކްސިން ބޭނުން ކުރުމުގެ ހުއްދަ ނުދޭން އެއްވެސް ސައިންސްވެރިޔަކު ވޯޓެއް ނުދެއެވެ.

ޖޯންސަން އެންޑް ޖޯންސަން އިން އުފެއްދި ވެކްސިން ދިނުމުގެ ކޮވިޑް ޖެހިގެން ހާލު ސީރިއަސްވުމުގެ ފުރުސަތު %100 ކުޑަކޮށްދޭ ކަމަށް ތަހްލީލްތަކުން ދައްކައެވެ. އެހެންކަމުން މިވެކްސިން ދީފައިވާ މީހަކު ކޮވިޑް ޖެހިގެން މަރުވުމުގެ އެއްވެސް ފުރުސަތެއް ނެތް ކަމަށް ތަހްލީލްތަކުން ދައްކައެވެ. އަދި ބަލި ޖެހުމުގެ ފުރުސަތު %85 ކުޑަކޮށްދެއެވެ.

ޖޯންސަން އެންޑް ޖޯންސަން އިން އުއްމީދު ކުރަނީ ޖޫން މަހާއި ހަމައަށް ދާއިރު 100 މިލިއަން ޑޯޒްގެ ވެކްސިން އެކުންފުންޏަށް އުފެއްދޭނެ ކަމަށެވެ. ނަމަވެސް މިހާރު އެކުންފުންޏަށް ފޯރުކޮށްދެވެން އޮތީ ހަތަރު ވަރަކަށް މިލިއަން ޑޯޒްގެ ވެކްސިނެވެ. އޭގެ ތެރެއިން އަށްލައްކަ ޑޯޒް ދޭނީ ސީދާ ބޭސްފިހާރަތަކަށެވެ. 70000 ކޮމިއުނިޓީ ސެންޓަރުތަކަށް އަދި 90000 ޑޯޒް ފެޑްރަލް ހެލްތު ސެންޓަރުތަކަށް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އެންމެ ޑޯޒެއް ދީގެން ބަލިން ރައްކާތެރިވެވޭނެ ވެކްސިނެއް އުފެއްދުމަކީ ލިބުނު ވަރަށް ބޮޑު ކާމިޔާބެކެވެ. އަދި މިއީ ބަލި ކޮންޓްރޯލް ކުރުމަށް ކުރަމުން އަންނަ މަސައްކަތައް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ސިއްހީ ދާއިރާގެ ތަޖުރިބާކާރުން ގަބޫލު ކުރެއެވެ.