މިހާރު ފެންނަމުންދާ ކޮވިޑްގެ އާވޭރިއަންޓްތަކުގެ ސަބަބުން ހާލަތު އިތުރަށް ގޯސްވެ ބަލި ޖެހޭ މީހުންނާއި ބަލި ޖެހިގެން މަރުވާ މީހުންގެ އަދަދުތައް އިތުރުވެގެން ހިނގައިދާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޖޯ ބައިޑެން ދެއްވައިފިއެވެ.

ބައިޑެން އެމެރިކާގެ ރައްޔިތުންނާއި މުހާތަބު ކުރަމުން ވިދާޅުވީ މާސްކު އެޅުމާއި އެކު ގައި ދުރުކަން ބެހެއްޓުމަށް އަދިވެސް އިތުރު ސަމާލުކަމެއް ދޭންޖެހޭ ކަމަށެވެ.

"އަޅުގަނޑު މިއަދު ވެސް އެމެރިކާގެ ހުރިހާ ރައްޔިތުންގެ ކިބައިން މިއެދެނީ ގިނަގިނައިން އަތްދޮވުމަށާއި ގައިދުރުކަން ބެހެއްޓުމަށާއި މާސްކް އެޅުމަށް." ބައިޑެން ވިދާޅުވިއެވެ.

ބައިޑެން ވިދާޅުވީ ބަލި ކޮންޓްރޯލް ކުރުމުގައި މިހާތަނަށް ލިބިފައިވާ ކުރިއެރުންތަކާއި ކާމިޔާބީތައް ބަލީގެ އާވައްތަރުތަކުގެ ސަބަބުން ބަދަލުވެގެން ހިނގައިދާނެއެވެ. "މިހާތަނަށް ލިބިފައިވާ ކާމިޔާބީތައް އަނެއްކާ އަނެއްކޮޅަށް އެނބުރިގެން ދިއުމުގެ ފުރުސަތު ދީގެން ނުވާނެ." ބައިޑެން ވިދާޅުވިއެވެ.

އެމެރިކާ އިން ވެސް ގެންދަނީ ކޮވިޑުން ދިފާއު ވުމަށް ވެކްސިން ދިނުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް ގެންދަމުންނެވެ. އެމެރިކާއަށް 20 މިލިއަން ޑޯޒްގެ ވެކްސިން މާރޗް މަސް ނިމުމުގެ ކުރިން ލިބޭނެއެވެ. އޭގެ އިތުރުން 72.8 މިލިއަން ވެކްސިން ޑޯޒް ވެކްސިން ވަނީ އެމެރިކާއަށް ހޯދާފައެވެ.

މިއަހަރު މެދާއި ހަމައަށް ދާއިރު އެމެރިކާގެ އާބާދީއަށް ބޭނުންވާ ވަރަށް ކޮވިޑް ވެކްސިން ލިބޭނެ ކަމަށް ބައިޑެން އުއްމީދު ކުރައްވައެވެ.

ވެކްސިން ޖެހުމާއި، އަދި ބަލިން ރައްކާތެރިވުމުގެ ފިޔަވަޅުތަކުގެ ސަބަބުން އެމެރިކާގެ ހާލަތު މިހާރު އަންނަނީ ކޮންމެވެސް ވަރަކަށް ރަނގަޅު ވަމުންނެވެ.

ޔޫއެސް ސެންޓަރ ފޯ ޑިސީސް ކޮންޓްރޯލްގެ ޑިރެކަޓަރ ވިދާޅުވެފައި ވަނީ މިހާރު އެމެރިކާގައި ކޮވިޑަށް ފައްސިވަނީ އެވަރެޖްކޮށް ދުވާލަކު 70،000 މީހުން ކަމަށެވެ.