މީގެ ކުރިން ކޮވިޑް-19 ޖެހިފައިވާ މީހުންނަށް ވެކްސިންގެ ދެވަނަ ޑޯޒެއް ނުޖެހިއަސް ފުދޭނެ ކަމަށް އެމެރިކާގައި ހެދި ދިރާސާތަކަކުން ދައްކައިފިއެވެ.

މިފަދަ ދިރާސާއެއް ހަދާފައިވީނަމަވެސް، އެމެރިކާގެ ސަރުކާރުން އެގައުމުގައި ވެކްސިންގެ ދެވަނަ ޑޯޒު ނުޖެހުމާއި މެދު މަޝްވަރާ ކޮށްފައެއް ނުވެއެވެ.

އެމެރިކާގެ ޗިލްޑްރެންސް ހޮސްޕިޓަލް އޮފް ފިލަޑެލްފިއާގެ ވެކްސިން އެޑިއުކޭޝަން ސެންޓަރުގެ ޑިރެކްޓަރ ޑރ. ޕައުލް އޮފިޓް ބުނެފައިވަނީ ކޮވިޑް-19 ޖެހި ރަނގަޅުވެފައިވާ މީހުންނަށް ކޮވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒު ދިނުމުން އޭގެއިން ކުރާ އަސަރު މާ ބޮޑު ކަމަށެވެ. އެހެން ނަމަވެސް ދެވަނަ ޑޯޒުން އެ އަސަރު ކުޑަކޮށް ދަށްވާ ކަމަށް ބުނެފައި ވެއެވެ.

"ހެއްކާއި އެއްކޮށް ވާހަކަ ދައްކާނަމަ، ބަލި ޖެހިފައިވާ މީހަކު އޭނާ ބަލި ޖެހިފައިވާކަން އެނގިހުރެ ނަގާނީ އެންމެ ޑޯޒެއް. އެއީ އެންޓިބޮޑީޒް ހުންނާނެތީ" އޮފިޓް ބުންޏެވެ.

މިކަމާއި ގުޅިގެން މި ދިރާސާ ހެދުމުގައި ބައިވެރިވި އިތުރު ޑޮކްޓަރަކު ބުނެފައިވަނީ ކޮވިޑް-19 ކުރިން ޖެހުނު މީހެއްގެ ގަޔަށް ވެކްސިންގެ ދެވަނަ ޑޯޒު ޖެހުމަކުން އެއްވެސް ކަހަލަ ނުރައްކަލެއްވެސް ނޯންނާނެ ކަމަށާއި އެހެން ނަމަވެސް އެކަމުގެ ސަބަބުން އެއްވެސް ފައިދާއެއް ކުރާނެ ކަމަށް ނުބެލެވޭ ކަމަށެވެ. ހަމަ އެކަނި ވެކްސިން ޖަހާ ގަޑީ ވެކްސިންގެ ކައްޓަށް ބަލައިގެން ހުރެ ހިތާމަ ބައެއް މީހުން ކުރާނެ ކަމަށް ވަނީ ބުނެފައެވެ.

މިގޮތަށް ދެވަނަ ޑޯޒު ބޭނުން ނުވާ މީހުން އެގޮތަށް ހެދުމުން އެއީ ފުރަތަމަ ޑޯޒު އިތުރު މީހަކަށް ޖެހުމުގެ ފުރުސަތު ހުޅުވުން ކަމަށްވެސް އެފަރާތްތަކުން ވަނީ ބުނެފައެވެ.

ނިއުޔޯކް ސިޓީގެ އައިކަން ސްކޫލް އޮފް މެޑިސިންގެ މައިކްރޮބަޔޮލޮޖީގެ ޕްރޮފެސަރެއް ކަމަށްވާ ކްރަމާ ބުނެފައިވަނީ ގޮންޖެހުމަކަށް ވަނީ ވެކްސިންގެ ދެވަނަ ޑޮޒު ޖަހަން ބޭނުން ނުވަނީ ކޮންބައެއްތޯ ބެލުން ކަމަށެވެ. އެގޮތުން ހަމަ އެކަނި ކޮވިޑް ޖެހުނު މީހަކާއި ބަލީގެ އަލާމާތްތައް ފެނި އެކަމަކު ބަލި ނުޖެހޭ މީހުން ވެކްސިންގެ ދެވަނަ ޑޯޒު ނުޖަން އޭނާ ވަނީ އިލްތިމާސް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު