ނޫސްވެރިޔާ ޖަމާލް ޚަޝޯޣީ މަރާލި މައްސަލައިގައި ސައުދީ އަރަބިއްޔާގެ ވަލީއަހްދު މުހައްމަދު ބިން ސަލްމާނަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން އެމެރިކާގެ ރައީސް ޖޯ ބައިޑެންގެ ސަރުކާރުން ފަސްޖެހިއްޖެއެވެ.

ބައިޑެން އެމެރިކާގެ ރައީސްކަމާއި ހަވާލުވުމުން ބައެއް ފަރާތްތަކުން ގަބޫލުކޮށްގެން ތިބީ ޚަޝޯޣީ މަރާލަން ހިންގި ލާއިންސާނީ އަމަލުތަކުގެ ފަހަތުގައި ހުރިކަމަށް އެންމެ ގިނަ ބަޔަކު ގަބޫލުކުރާ ވަލީއަހްދު މުހައްމަދަށް ކޮންމެވެސް ފިޔަވަޅުތަކެއް އަޅަން ބައިޑެންގެ ސަރުކާރުން ނިންމާނެ ކަމަށެވެ.

ނަމަވެސް ވަލީއަހްދު މުހައްމަދަށް ފިޔަވަޅު ނާޅަން އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ނިންމާފައި އޮތް ނިންމުން ދަމަހައްޓާނެކަން ބައިޑެންގެ ސަރުކާރުން ރޭ ވަނީ އިއުލާން ކޮށްފައެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ ތަރުޖަމާން ނެޑް ޕްރައިސް ވިދާޅުވީ އެމެރިކާ އާއި ސައުދީ އަރަބިއްޔާގެ ގުޅުން އޮތީ ރަނގަޅު މިސްރާބެއްގައި ކަމަށާއި ދެގައުމުން މަސައްކަތް ކުރަމުން ގެންދަނީ އެކުގައި ކަމަށެވެ.

އިންސާނީ ޙައްޤުތަކަށް ވަކާލާތު ކުރާ ފަރާތްތަކުން އުއްމީދު ކުރަމުން ގެންދިޔައީ ޚަޝޯޣީ މަރާލުމުގައި ވަލީއަހްދު މުހައްމަދުގެ ދައުރު އޮތް މިންވަރަށް ބެލުމަށްފަހު އޭނާގެ މުދާ ހިފަހައްޓަން، ނުވަތަ އޭނާ މުދަލާއި ފައިސާގެ އެއްވެސް މުއާމަލާތެއް ކުރުން މަނާކުރުން ފަދަ ނިންމުމެއް ބައިޑެންގެ ސަރުކާރުން ނިންމާނެ ކަމަށެވެ.

ސްޓޭޓް ޑިޕާޓްމަންޓްގެ ތަރުޖަމާން ޕްރައިސް ވިދާޅުވީ ވަލީއަހްދު މުހައްމަދާއި ގުޅޭ ގޮތުން ބައިޑެންގެ ސަރުކާރުގެ ސިޔާސަތީ "ކަމަކަށް ކަމެއް ކޮށްލުމުގެ ބަދަލުގައި ނަތީޖާ ނެރެވޭނެ ގޮތްތަކެއް ހޯދުން." ކަމަށެވެ. ނަމަވެސް ނަތީޖާ ނެރެވޭނެ ގޮތްތަކުގެ ތަފްސީލެއް ސްޓޭޓް ޑިޕާޓްމަންޓުން ހާމައެއް ނުކުރެއެވެ.

ޚަޝޯޣީ މަރާލި މައްސަލައިގައި ސައުދީ އަރަބިއްޔާގެ ސަރުކާރުން "އަގު އަދާކުރަން ޖެހޭނެ ކަމަށް" ބައިޑެން ވަނީ ކެމްޕޭން ބައްދަލުވުންތަކުގައި އެތައް ފަހަރަކު ވިދާޅުވެފައެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ ޙަޝީޣީގެ މަރާއި ގުޅުން ހުރި ބައެއް މީހުންނާއި އަދި އިންސާނީ ޙައްޤުތަކަށް އަރައިގަންނަ ކަމަށް ތުހުމަތު ކުރެވޭ ބައެއް މީހުން ހިމެނޭ ގޮތައް ސައުދީ އަރަބިއްޔާގެ 76 މީހަކު އެމެރިކާ އަށް އެތެރެވުން މަނާ ކުރުމަށާއި މާލީ ގޮތުން އެމީހުންނަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަން ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހު ނިންމާފައެވެ. ނަމަވެސް މީގެތެރޭގައި ވަލީއަހްދު މުހައްމަދު ނުހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ނަޙްޔާން

    އިންސާފު ލިބިގެންދާނީ ޤިޔާމަތް ދުވަހު. އަހަރެމެން ވާގި އެދެނީ ހަމައެކަނި ﷲ ސުބްޙާނަހޫ ވަތަޢާލާގެ ހަޟްރަތުން. ވަރަށް ކުރުކޮށް ފޮނިކޮށް މިބުނެލީ. އަނިޔާވެރި ގޮތަކަށް ޤަތުލުކޮށް ހަށިގަނޑު ނައްތާލި ޚާޝުޤީގެ ފުރާނައަށް ސުވަރުގޭގެ އެންމެ މަތީ ދަރަޖަ މިންވަރުކޮށް ދެއްވައި ފާފަ ފުއްސަވައި ރަހްމަތް ލެއްވާށި! އާމީން

    31
    2
  2. އަހުސަން

    ބައިޑަން ނުބަލާ ސައޫދީ އަކީ ގާތް އެކުވެރި އެއް
    ގޮތައް..އޭނާ އަޑިން ދައްކާ މައިންޑް ދަޅައެއްއެއީ
    ވާއެއްޗަކީ ސަޫދީއާއި އަތްގުޅުވައިގެން ނޫނީ އީރާނާ ދިމާކުރަން ފަސޭހަނުވާނެ...ސައުދީގެ ބޭސްތަކާ ކަނޑާ ވައިގެމަގު ވަރަށް މުހިންމު ހަނގުރާމަ ކުރަން އީރާނާ...އިރާގައް ބޮންއެޅިގޮތައް

    15
    1
  3. ޝިޔާމް

    މުޙައްމަދަކަސް އަހައްމަދަކަސް ހުއްޓެން ޖެހޭނީ ﷲ ގެ ދަރުބާރަށް. އޭރުން ސަލާމަތްކުރާކަށް ނުތިބޭނެ އެއްވެސް ބައެއް.

    23
    3
  4. ވިއެޓްނާމ

    އެމެރިކާގެ ތާރީޚުގައި ގައުމުތަކަށް އަރާ ކޮއްފައިވާ ލާއިންސާނީ ބޮޑެތި ގަތުލުއާއްމުތަކުގެ ވާހަކަ ދައްކަންވެެއްޖެނަމަ ކޮޅުންލާކައްނެތް.