"ޖިންނި މޮޔަވެފައިވާ" ކަމަށް ބުނެ ސްރީ ލަންކާގެ ކުޑަ ކުއްޖެއްގެ ގައިގައި ތަޅައި މަރާލި މައްސަލައެއް ފެންމަތިވެއްޖެއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ލަންކާ އަށް އުފަން އުމުރުން ނުވަ އަހަރުގެ ކުޑަ ކުއްޖާ މަރުވީ، ދަނޑި ބުރިއަކުން ތެޅުމުން ލިބުނު އަނިޔާތަކުގެ ސަބަބުންނެވެ. ޖިންނީގެ އުނދަގޫ އެ ކުއްޖާ އަށް ޖެހުނު ކަމަށް ބުނެ، ފަންޑިތަ ހެދި ބަޔަކު މިހާރު ވަނީ ހައްޔަރު ވެސް ކޮށްފައެވެ.

ލަންކާ ފުލުހުން ބުނި ގޮތުގައި އެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ އެ ކުއްޖާގެ މަންމަ އާއި ފަންޑިތަ ހެދުމުގައި ބައިވެރިވި އަންހެން މީހެކެވެ. އެމީހުން އެ ކުއްޖާ ގައިގައި ތެޅީ ކުއްޖާގެ ހަށިގަނޑުން "ޖިންނި ބޭރު ކުރަން" ކަމަށްވެއެވެ.

ދަނޑިބުރިއަކުން ތެޅުމުގެ ސަބަބުން ހޭނެތުނު އެ ކުއްޖާ މަރުވީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެނިކޮށެވެ.

އެ ހާދިސާ ހިނގީ ވެރިރަށް ކޮލޮމްބޯގެ 40 ކިލޯމީޓަރު ދުރުން ޑެލްގޯޑާ ނަމަކަށް ކިޔާ އަވަށެއްގައެވެ. ފަންޑިތަ ހެދި އަންހެން މީހާއަކީ އެ އަވަށުގައި އެކަމަށް މަޝްހޫރު އަދި އާންމުން ވެސް ވަރަށް ދަންނަ މީހެކެވެ.

ފަންޑިތަ ހެދުމުގެ ނަމުގައި އެ ކުއްޖާގެ ނިއްކުރި މައްޗަށް ތެޔޮ އަޅައި ދަނޑިއަކުން ތެޅި އިރު، އެ ކުއްޖާގެ ރުއިމުގެ އަޑުތައް އިވެން ފެށުމުން އަވައްޓެރިން އެކަން ހުއްޓުވަން ވެސް އުޅުނެވެ. އެކަމަކު، އެ ކުއްޖާ ސަލާމަތް ކުރެވޭ ގޮތެއް ނުވިއެވެ.

ލަންކާ ފުލުހުން ބުނެފައިވާ ގޮތުގައި އެ އަވަށުގައި މީގެ ކުރިން ވެސް އެފަދަ ހާދިސާތަކެއް ހިނގާފައިވާ އިރު، ބައެއް ހާދިސާތަކުގައި މީހުން ވެސް މަރުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު