އުމްރާނީ ގޮތުން ދުނިޔޭގައި އެންމެ ކުރިއަރާފައިވާ އެއް ގައުމު ދުބާއީން 1،000 ފަރާތަކަށް ކަލްޗަރަލް ވިސާ ދޭ ގޮތަށް ނިންމައިފިއެވެ.

ދުބާއި ކަލްޗަ އެންޑް އާޓްސް އޮތޯރިޓީ އިން އަލަށް ތައާރަފްކުރި މި ޕްރޮގްރާމް އިފްތިތާހުކޮށް ދެއްވީ އެ ގައުމުގެ ވެރިޔާ ޝެއިހް މުހައްމަދު ބިން ރާޝިދް އަލް މަހްތޫމް އާއި އެގައުމުގެ ނައިބު ރައީސެވެ.

މުޅި ދުނިޔެއަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި ބައިވެރިވެވޭނީ އުފެއްދުންތެރީންނާއި އާޓިސްޓުންނަށެވެ.

ވިސާގެ ޕްރޮގްރާމް އިފްތިތާހު ކުރިތާ މާގިނަ އިރެއް ނުވެ ދުނިޔޭގެ އެކި ހިސާބުތަކުން ވަނީ ކުރިމަތިލާން ފައްޓައިފައެވެ. އެގޮތުން މިހާތަނަށް 46 ގައުމަކުން 261 މީހުން ވަނީ ދުބާއި ކަލްޗަރަލް ވިސާ އަށް ކުރިމަތިލައިފައެވެ. އޭގެ ތެރެއިން 120 ފަރާތެއްގެ ކަލްޗަރަލް ވިސާ ލިބޭ ކްރައިޓީރިޔާ އަށް ފެތޭ ކަމަށް އެ ގައުމުގެ ސަރުކާރުން ބުނެއެވެ.

ދުބާއީގެ ކަލްޗަރަލް ވިސާ ތައާރަފް ކުރި މައިގަނޑު ސަބަބަކީ އެ ގައުމުގައި އުޅޭ ފަރާތްތަކަކަކީ ހުނަރުވެރި ގާބިލު ފަރާތްތައް ގޮތުގައި ހެދުމެވެ. އަދި މިހާރުވެސް ދުބާއި އަކީ ސަގާފީ އެތައް ކަންތައް ތަކެއް އެތަނުގައި އޮތް ހުނަރުވެރި އެތައް ބަޔަކު އެތަނުގައި އުޅޭ ތަނަކަށް ވުމުން މިކަންކަން އިތުރަށް ފުރިހަމަ ކުރުން ކަމަށް އެ ގައުމުގެ ސަރުކާރުން ބުނެއެވެ.

މި ވިސާ އަށް ކުރިމަތިލާ ފަރާތްތަކަކީ ވަކި ދާއިރާއަކުން ގާބިލް ފަރާތްތައް ކަމުގައި ވާން ޖެހޭނެއެވެ. އަދި ވަކި މުއްދަތެއް ވަންދެން ކޮމިއުނިޓީ މަސައްކަތުގައި ބައިވެރިވާންވެސް ޖެހޭނެ އެވެ.