މެކްސިކޯގެ ހުރިހާ ރައްޔިތުންނަށް ވެކްސިން ދިނުމަކީ އެ ގައުމުގެ ސިއްހީ ރައްކާތެރިކަމާއި އިޖުތިމާއީ އަދުލަށްޓަކައި ވެސް މުހިންމު ކަމެކެވެ. އެގޮތުން ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހުން ފެށިގެން ވެކްސިން ދިނުމުގެ މަސައްކަތް ވަނީ ފަށައިފައެވެ.

ނަމަވެސް މިހާ އަވަހަށް ބައެއް އަވަށްތަކުގެ މީހުން ވަނީ ވެކްސިން ޖަހަން ދެކޮޅު ހަދަން ފަށައިފައެވެ.

އަދި މެކްސިކޯގައި ވެކްސިން ޖެހުމާ ދެކޮޅު މީހުން ތިބިކަން ވަނީ ފާހަގަވާން ފަށައިފައެވެ. މެކްސިިކޯގެ ކުޑަ އަވަށެއް ކަމަށްވާ އަލްޑަމާގައި 7،000 ވަރަކަށް މީހުންގެ އާބާދީއެއް އޮތް އިރު އެ އަވަށުގެ ބައެއް މީހުން ވަނީ ވެކްސިން ޖަހަން ދެކޮޅު ހަދައިފައެވެ.

" ކީއްކުރަން އަހަރެން ވެކްސިން ޖަހަންވީ؟ އެ މީހުން (ސަރުކާރުން) އަހަރުމެން ގަޔަށް ގަދަކަމުން ވެކްސިން ޖަހަން އުޅެފިއްޔާ ރަނގަޅެއް ނުވާނެ." އަލްޑަމާގެ ރައްޔިތަކު ބައިނަލްއަގުވާމީ ނޫހެއް ކަމަށްވާ ސީއެންއެން އަށް މައުލޫމާތު ދެމުން ވަނީ ބުނެފައެވެ.

އަލްޑަމާ ފަދަ ހިސާބުތަކަކީ ސަރުކާރުތަކަށް އިތުބާރު ނުކުރާ އަދި ދައުލަތް ހިންގާ ފަރާތުގެ އަމުރުތަކަށް ދެކޮޅު ހަދާ މީހުން ގިނަ ހިސާބެކެވެ. ބައެއް ކަންކަމުގައި އެފަދަ ހިސާބުތަކާއި ދެކޮޅަށް ބާރުގެ ބޭނުންވެސް ކޮށްފައިވެއެވެ.

އަލްޑަމާގެ ޓައުން ސެކެޓްރީ ވެސް ހިމެނޭ ގޮތަށް އެ ހިސާބުގެ ގިނަ މީހުން ގަބޫލު ކުރަނީ ވެކްސިން ޖަހައިގެން ލިބޭ ފައިދާ އަށް ވުރެ ލިބޭ ގެއްލުން ބޮޑުވާނެ ކަމަށެވެ. މެކްސިކޯގައި އެންމެ ގިނަ ބަޔަކު ވެކްސިން ޖަހަން ދެކޮޅު ހަދާ އެއް ސަބަބަކީ ވެކްސިންގެ ފުރިހަމަ މައުލޫމާތު ނޭންގުމެވެ. އެގޮތުން ވެކްސިން އުފެއްދި ގޮތް ނޭނގޭތީ އެ ވެކްސިންގައި ވައިރަސް އެއް އެކުލެވިދާނެ ކަމަށް ބައެއް މީހުން ޝައްކު ކުރެއެވެ.