ޗައިނާއިން ގޮތް ނޭނގޭ ތަކެތި މިޔަންމާ އަށް އެތެރެކުރާ ކަމުގެ ތުހުމަތު އޮސްޓްރޭލިއާއިން ކޮށްފިއެވެ.

އޮސްޓްރޭލިއަން ސްޓްރެޓެޖިކް ޕޮލިސީ އިންސްޓިޓިއުޓް (އޭއެސްޕީއައި) އިން ނެރެފައިވާ ރިޕޯޓެއްގައި ބުނެފައިވަނީ މިޔަންމާގެ އަސްކަރީ ސިފައިން އެގައުމަށް ބައިނަލްއަގްވާމީ ފްލައިޓްތައް މަނާ ކޮށްފައިވާ ދަނޑިވަޅެއްގައި ރަޖިސްޓްރީނުކޮށް އޮތް ފްލައިޓެއް ޗައިނާއިން އިން އެގައުމަށް ކޮންމެ ރޭގަނޑަކު ޖައްސާ ކަމަށެވެ. އެކަމަށް ހަފްތާއެއް ވެއްޖެ ކަމަށާއި އެ ފްލައިޓްގައި ގޮތް ނޭނގޭ ތަކެއްޗާއި މީހުން ގެންނަ ކަމަށް ވަނީ ތުހުމަތު ކޮށްފައެވެ.

"ޗައިނާގެ ސަރުކާރާއި މިޔަންމާ އެއާވޭސްއިން އަބަދުވެސް ބުނަމުން އަންނަނީ އެގައުމަށް އެތެރެ ކުރަމުން އަންނަނީ ސީފުޑް ކަމަށް. ނަމަވެސް ފްލައިޓްގެ މައުލޫމާތަށް ބަލާއިރު ސުވާލު އުފެދޭ ވަރަށް ގިނަ ކަންތައް އެބަ ހުރި." އޭއެސްޕީއައިގެ ރިޕޯޓްގައި ބުނެފައިވެއެވެ.

ސުވާލު އުފެދޭ ބައެއް ކަހަލަ ކަންތައް ހުރިކަން ފާހަގަކޮށް އެ ރިޕޯޓުގައި ބުނެފައިވަނީ އެ ފްލައިޓު އެމީހުން ބޭނުން ކުރަނީ ދެ ކަމަކަށް ކަމަށެވެ. އެއީ ޓަޓްމަޑޯ ކޮންޓްރޯލްގެ މައުލޫމާތު ހޯދަން ޗައިނާގެ ސިފައިންނާއި ސައިބާ ސްޕެޝެލިސްޓުން އެގައުމަށް ގެނައުމާއި ޓަޓްމަޑޯގެ ބަޑި ގުދަނުގެ ކެޕޭސިޓީ އިތުރު ކުރުން ކަމަށް ބުނެފައިވެއެވެ.

އެ ރިޕޯޓުގައި ބުނެފައިވަނީ ރެއެއްގެ މައްޗަށް އެގައުމަށް ފަސް ވަރަކަށް ފްލައިޓު ޖައްސާ ކަމަށެވެ. އޭގެ ތެރެއިން ތިން ފްލައިޓު ދަނީ ދެކުނު ޗައިނާގެ ކުންމިންގް އިން ޔަންގޮން އަށް ކަމަށްވެއެވެ. އަދި އޭގެ ތެރެއިން ދެ ފްލައިޓުގައި ހުންނަނީ މިޔަންމާ އެއާވޭސްގެ ކުލަ ކަމަށާއި ދެން ހުރި ފްލައިޓުތަކުގެ ކުލަ ފާހަގަވެފައި ނުވާ ކަމަށް ވަނީ ބުނެފައެވެ. އަދި މި ހުރިހާ ފްލައިޓެއް އަންނަނީ ޕްރައިވެޓް ފާމްތަކުން ކަމަށްވެސް ވަނީ ބުނެފައެވެ.

ރިޕޯޓުގައި ބުނެފައިވަނީ ފްލައިޓުތަކުގެ މައުލޫމާތު ފޮރުވުމަށް ވަރަށް މަސައްކަތް ކުރާ ކަމަށާއި އެގޮތުން އޭގެ ޓްރާންސްޕޮންޑާސްވެސް ނިއްވާލައިގެން ދަތުރު ކުރާ ކަމަށެވެ. ނަމަވެސް ސެޓެލައިޓް ފޮޓޯތަކާއި އެއާޕޯޓްގައި މަސައްކަތް ކުރާ މީހުން ނަގާފައިވާ ބައެއް ފޮޓޯތަކުން އެއީ އެމީހުންގެ ފްލައިޓްތައްކަން އެނގޭ ކަމަށްވެސް ވަނީ ބުނެފައެވެ.