މިޔަންމާއަށް ފެބްރުއަރީ މަހު ގެނައި ބަޣާވާތާއި ދެކޮޅަށް އެގައުމުގެ ރައްޔިތުން ހުއްޓުމެއްނެތި ކުރަމުން އަންނަ މުޒާހަރާތައް ކޮންޓްރޯލް ކުރަން އިއްޔެ ވެސް އެގައުމުގެ ސިފައިން ބަޑި ޖަހައި 38 މީހަކު މަރާލާފައިވާ ކަމަށް އދ.އިން ބުނެފިއެވެ.

އދ.އިން ބުނީ އިއްޔެ އަކީ މިޔަންމާއަށް ބަޣާވާތް ގެނައިފަހުން އެންމެ ގިނަ އާއްމު ރައްޔިތުން ސިފައިންގެ ހަމަލާތަކުގައި މަރުވި ދުވަސް ކަމަށެވެ. މުޒާހަރާ ކުރަމުންދާ މީހުންގެ ގަޔަށް ސިފައިންނާއި ފުލުހުން ބަޑި ޖެހުމުން ފާއިތުވި މަސް ދުވަހުގެ ތެރޭގައި މަރުވި މީހުންގެ އަދަދު މިހާރު 50 އަށް ވުރެ ގިނައެވެ.

އދ.އިން މިޔަންމާ އަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު ކްރިސްޓީން ޝޫނާ ވިދާޅުވީ ބަޣާވާތް ގެނައި ފަހުން މިޔަންމާ އިން މަރާލި އާއްމުންގެ އަދަދު 50 އަށްވުރެ މަތިވެ އެތައް ބަޔަކު ޒަހަމްވެފައިވާ ކަމަށެވެ. "އަޅުގަނޑުމެންނަށް ވީޑިއޯ ލިބިފައި އެބަހުރި ސިފައިންނާއި ފުލުހުން ސެމީ މެޝިންގަން ބޭނުންކޮށްގެން ސުލްހަވެރި މުޒާހަރާގެ ބައިވެރިންނަށް ހަމަލާ ދިން މަންޒަރު." ފުލުހުން އެބަހުރި ވޮލެންޓިއާކޮށް މަސައްކަތް ކުރާ މެޑިކަލް ކްރޫންނަށް ވެސް ގަސްދުގައި ހަމަލާދީފައި." ކްރިސްޓީން ވިދާޅުވިއެވެ.

ކްރިސްޓީން ވިދާޅުވީ މުޒާހަރާގެ ބައިވެރިޔަކު މުޒާހަރާގެ ތެރެއިން ދުރަށް ގެންގޮސް ފުލުހުންގެ ބެލުމުގެ ދަށުގައި ބެހެއްޓުމަށް ފަހު ގާތްގަނޑަކަށް ދެތިން ފޫޓް ދުރުން އޭނާގެ ގަޔަށް ބަޑި ޖަހައި އޭނާ މަރާލާފައިވާ ކަމަށެވެ.

އދ.ގެ މަންދޫބު ވިދާޅުވީ ބަޣާވާތާއި ދެކޮޅަށް މުޒާހަރާއަށް ނިކުތް މީހުންގެ ތެރެއިން މިހާތަނަށް 1200 އަށްވުރެ ގިނަ މީހުން ހައްޔަރު ކޮށްފައިވާ ކަމަށެވެ. ހައްޔަރުކޮށްފައިވާ މީހުންނަށް ޖަލުގައި ލާއިންސާނީ އަނިޔާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން ވެސް އދ.ގެ މަންދޫބު ފާޅުކުރެއްވެވިއެވެ.

މުޒާހަރާގައި ބައިވެރިވި ބައެއް މީހުންގެ ބޮލަށާއި މެއަށް ވެސް ވަނީ ބަޑި ޖަހާފައެވެ. އެހެންކަމުން ސިފައިން ބަޑި ޖަހާފައި ވަނީ މުޒާހަރާ ކޮންޓްރޯލް ކުރުމަށް އިންޒާރު ދިނުމުގެ ގޮތުން ނޫން ކަމަށާއި ބަޑި ޖަހާފައި ވަނީ ސީދާ މީހުން މަރަން ކަމަށް މިޔަންމާގެ ހާލަތު ބަލަމުންދާ ފަރާތްތަކުން ބުނެއެވެ.

ސިފައިންނާއި ފުލުހުން މުޒާހަރާގެ ބައިވެރިންނަށް ބަޑިން ހަމަލާ ދެމުން ދިޔަ ނަމަވެސް އަދިވެސް މިޔަންމާގެ މުޒާހަރާތައް ކޮންޓްރޯލެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    އަލްހަމްދުލިﷲ

  2. ރަބަރޭ

    މުސްލިމުންގެ ލޭބޮއެގެން އދ ސުލްހައިގެ މެޑަލް ޖަހައިގެން ހުރި އަންސަންސޫޗީ މަރާލަބަލަ އޭރުން ހުރިހާ ކަމެއް ހައްލުވިީ

    2
    1