ބޮކްސް ޖެލީ ފިޝް ނަމަކަށް ކިޔާ ޖެލީ ފިޝްއެއްގެ ވިހައިގައި ޖެހި 17 އަހަރުގެ ކުއްޖަކު މަރުވެއްޖެއެވެ.

ކުއީންސްލެންޑްގެ ފުލުހުން އެ ގައުމުގެ މީޑިއާ އަށް މައުލޫމާތު ދެމުން ބުނީ އެ ކުއްޖާ އަށް ހަފްތާއެއް ވަންދެން ހޮސްޕިޓަލްގައި ފަރުވާދިން ކަމަށެވެ.

އޮސްޓްރޭލިޔާގެ ބޮކްސް ޖެލީފިޝްއަކީ ނުރައްކާތެރި އެއްޗެކެވެ. އަދި އޮސްޓްރޭލިއާ ސަރުކާރުން ވެސް ވަނީ އެއަށް ސަމާލުވާން އަންގައިފައެވެ. ބޮކްސްއެއްގެ ބައްޓަމަށް ހުންނަ މި ޖެލީފިޝް އިންސާނެއްގެ ގަޔަށް ނުވަތަ ޖަނަވާރެއްގެ ގަޔަށް ވިހަ ޖެހުމުން އެއްކޮށް ވާގިނެތި ނުވަތަ ހިތް ހުއްޓޭ ހިސާބަށް ދެއެވެ.

އޮސްޓްރޭލިޔާގެ ކުއީންސްލެންޑް ގޮނޑުދޮށުގައި މިބާވަތުގެ ވިހަގަދަ ޖެލީފިޝް އުޅޭކަން ހޯދިފައި ވަނީ 2006 ވަނަ އަހަރުއެވެ. މީގެ ސަބަބުން ކުއްޖަކު މަރުވި ފުރަތަމަ ފަހަރެވެ.

އެ ގައުމުގެ ކަމާބެހޭ ފަރާތްތަކާ ހަވާލަދީ މީޑިއާ އިން ބުނީ މަރުވި ކުއްޖާ މޫދަށް އެރި އުޅުނީ ކޭޕް ޔޯކްގެ ބަމާގާގައި ކަމަށެވެ.