ކޮވިޑް-19 ޖެހިގެން މަރުވާ މީހުން އަންދަމުން ގެންދާތީ ސްރީލަންކާގެ މުސްލިމުންނާއި ކްރިސްޓިއަނުން ފާޅުކުރަމުން ގެންދިޔަ ކަންބޮޑުވުންތަކާއި ސަރުކާރަށް ކުރިމަތިވަމުން ދިޔަ ޕްރެޝަރުތަކުގެ ސަބަބުން ސްރީލަންކާގައި ކޮވިޑް ޖެހިގެން މަރުވާ މީހުން ވަޅުލާން ފަށައިފިއެވެ.

ކޮވިޑް-19 ޖެހިގެން މަރުވާ މުސްލިމުންނާއި ކްރިސްޓިއަނުންގެ ހަށިތައް ވަޅުލާން ސްރީލަންކާގެ ސަރުކާރުން ނިންމީ މީގެ އެއްހަފްތާ ކުރިންނެވެ. އެނިންމުމުގެ ދަށުން މިއަދު ވަނީ ފުރަތަމަ ފަހަރަށް މީހަކު ވަޅުލާފައެވެ.

ކޮވިޑް ޖެހިގެން މަރުވާ މީހުން ވަޅުލާން ސްރީލަންކާ ސަރުކާރުން ނިންމާފައި ވަނީ މީހުން ދިރިއުޅޭ ސަރަހައްދާއި ދުރު، އެކަހެރި ސަރަހައްދެއްގައެވެ. ހުކުރު ދުވަހު ފުރަތަމަ ވަޅުލީ ދެމީހެއްގެ ހަށިގަނޑެވެ. އިތުރު ފަސް މީހެއްގެ ހަށިގަނޑު ވެސް ހުކުރު ދުވަހު ވަޅުލަން ނިންމާފައިވާ ކަމަށް ސިފައިންގެ ކޮމާންޑާ ޖެނެރަލް ޝަވެންދްރާ ސިލްވާ ލަންކާގެ މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވިއެވެ.

ކޮވިޑް ޖެހިގެން މަރުވާ މީހުން ވަޅުލާނެ ފަސް ސަރަހައްދެއް މިހާރު ވަނީ ކަނޑައަޅާފައެވެ. މިއަދު މީހުން ވަޅުލާފައި ވަނީ ބަޓިކަލޯގެ އަވަށެއްގައެވެ.

ކޮވިޑް ޖެހިގެން މަރުވާ ސްރީލަންކާގެ މުސްލިމުންގެ ހަށިތައް ރާއްޖެއަށް ގެނެސް ރާއްޖޭގައި ވަޅުލުމަށް ވެސް މީގެ ދެތިން މަސް ކުރިން މަޝްވަރާ ކުރެވުނެވެ. އެމަޝްވަރާތައް ފެށުނީ ސްރީލަންކާގެ މުސްލިމުންގެ ހަށިތައް ރާއްޖެއަށް ގެންނަން ދިވެހި ސަރުކާރުން ލަންކާ ސަރުކާރުގައި އެދުމުން ކަމަށް މީޑިއާގައި ރިޕޯޓް ކޮށްފައި ވެއެވެ. ނަމަވެސް މަރުވާ މީހުންގެ ހަށިތައް ރާއްޖެ ގެނައުމާއި ދެކޮޅަށް ވަރަށް ގިނަ ބަޔަކު ވާހަކަދެއްކުމުން އެނިންމުމަށް އަމަލު ކޮށްފައެއް ނުވެއެވެ.

ސްރީލަންކާ އިން މިހާތަނަށް 84000 އަށް ވުރެ ގިނަ މީހުން ކޮވިޑަށް ފައްސިވެ، 489 މީހަކު ވަނީ ކޮވިޑް ޖެހިގެން މަރުވެފައެވެ. އޮކްޓޯބަރ މަހުން ފެށިގެން ސްރީލަންކާ އިން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވުމަށް ފަހު ކޮންމެވެސް ވަރަކަށް ހާލަތު ރަނގަޅުވާން ފެށިތާ މިހާރު ހަފްތާއެއްހާ ދުވަސް ވެއްޖެއެވެ.