ކޮވިޑް-19 އަށް ފައްސިވާ މީހުންނަށް ދިމާވާ ސިއްހީ މައްސަލަތަކަށް އަވަސް ހައްލެއް ގެނެސްދީފާނެ ބޭހެއްގެ ގޮތުގައި "ފްލޫވޮޒަމައިން" ނަމަކަށް ކިޔާ ބޭހެއް ފާހަގަ ކުރެވިފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

"ފްލޫވޮޒަމައިން" ނަމަކަށް ކިޔާ ބޭހަކީ މީގެ 40 އަހަރު ކުރިން ފެށިގެން ބޭނުން ކުރަމުން އަންނަ ބޭހެކެވެ. މިބޭހަކީ ކޮވިޑް-19 އަށް ފަރުވާއެއްގެ ގޮތުގައި ބޭނުން ކުރެވިދާނެ ބޭހެއް ކަމަށް ދައްކާފައި ވަނީ އެމެރިކާގައި ކުރި ތަހްލީލްތަކަކުންނެވެ. ނަމަވެސް މިބޭސް ކޮވިޑް ބަލި މީހުންނަށް ދޭން ރަސްމީ އިދާރާތަކުން އަދި ޑޮކްޓަރުންނަކަށް ނާންގައެވެ. ސަބަބަކީ އަދި ކޮވިޑް ބަލި މީހުން ބޭނުން ކޮށްގެން ފުޅާ ދާއިރާއެއްގައި ތަހްލީލްތަކެއް މިހާތަނަށް ކުރެވިފައި ނެތުމުންނެވެ.

ވޮޝިންޓަން ޔުނިވަސިޓީގެ ޑރ.އެންޖެލާ ރެއިސެން ވިދާޅުވީ މިހާތަނަށް "ފްލޫވޮޒަމައިން" ބޭނުން ކޮށްގެން ކުރި ތަހްލީލްތަކުން ފެނިފައި ވަނީ ވަރަށް އުއްމީދީ ނަތީޖާތަކެއް ކަމަށާއި މިބޭހުގެ ސަބަބުން ވަރަށް އަވަހަށް މީހާގެ ދިފާއީ ނިޒާމު ކޮވިޑް ވައިރަހާއި ދެކޮޅަށް މަސައްކަތް ކުރަން ތައްޔާރުވާ ކަމަށެވެ. "ހަށިގަނޑުގެ ދިފާއީ ނިޒާމް އަވަހަށް ވައިރަހާއި ދެކޮޅަށް މަސައްކަތް ކުރަން ފެށުމުގެ ނަތީޖާއަކަށް ވެގެން ދަނީ އެތެރެހަށީގެ ގުނަވަންތަކަށް ލިބޭ ގެއްލުން ކުޑަވުން އަދި މަރުވުމަށް ދިމާވާ ކަންކަން ހުއްޓުން." ޑރ.އެންޖެލާ ވިދާޅުވިއެވެ.

ޑރ.އެރިކް ލެންޒީ ވިދާޅުވީ މިހާރު ވެސް އެމެރިކާގެ އެފްޑީއޭ އިން އެޕްރޫވް ކޮށްފައިވާ މިބޭހަކީ ކޮވިޑަށް ފަރުވާއެއްގެ ގޮތުގައި ބޭނުން ކުރެވިދާނެ ބޭހަކަށް ވެއްޖެނަމަ އެއީ ވަރަށް އަވަހަށް ނަތީޖާ ނެރެވޭނެ ބޭހަކަށް ވެގެން ދާނެ ކަމުގެ އުއްމީދު އެބައޮތް ކަމަށެވެ.

ސައިންސްވެރިން މިހާރު ތައްޔާރުވަމުން ގެންދަނީ މިބޭހުގެ އިތުރު ތަހްލީލްތައް ކޮވިޑް ބަލި ޖެހިފައި ތިބި މީހުން ބޭނުން ކޮށްގެން ފެށުމަށެވެ. ނަމަވެސް ތަހްލީލްތައް ނިންމަން ދެތިން މަސް ދުވަސް ހޭދަވުމުގެ ފުރުސަތު ވެސް އެބައޮތެވެ.