ކޮވިޑް-19 މުޅި ދުނިޔެއަށް ފެތުރި، މިބަލިމަޑުކަމުން ސަލާމަތް ވާނެ ދުވަހެއްގެ އިންތިޒާރުގައި އެންމެން ތިއްބާ ފުރަތަމަ ހުއްދަ ހޯދި ވެކްސިން ކަމަށްވާ ފައިޒާ އާއި ބައޯއެންޓެކްގެ ވެކްސިން އުފެއްދި ކުންފުނި ކަމަށްވާ ބައޯއެންޓެކްގެ އެންމެ ބޮޑު އަމާޒަކަށް މިހާރު ހަދާފައި ވަނީ ކެންސަރަށް ފަރުވާ ހޯދުން ކަމަށް އެކުންފުނިން ބުނެފިއެވެ.

ބައޯއެންޓެކްގެ އެއްފައުންޑާ އަދި އެކުންފުނީގެ ޗީފް އެގްޒެކެޓިވް އުގޫރު ސާހިން "އަރަބް ނިއުސް" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ކޮވިޑް-19 އަށް ވެކްސިން އުފެއްދުމުގައި އެކުންފުނިން ބޭނުންކުރި ޓެކްނިކްއަށް ވަރަށް ކުޑަ ބަދަލެއް ގެނެސްގެން ކެންސަރަށް ފަރުވާއެއް ހޯދިދާނެ ކަމުގެ އުއްމީދު ވަރަށް ބޮޑު ކަމަށެވެ.

އުގޫރު ސާހީން އާއި އަނބިކަނބަލުން އޮޒްލެމް ޓްރޫސީ އަކީ މުސްލިމް ދެމަފިރިންނެވެ. ދެކަނބަލުންގެ އާއިލާ ވެސް ނިސްބަތްވަނީ ތުރުކީވިލާތަށެވެ. ނަމަވެސް ދިރިއުޅުއްވަމުން ގެންދަވަނީ ޖަރުމަންވިލާތުގައެވެ. ޓްރޫސީ އަކީވެސް ބައޯއެންޓެކްގެ އިސް ސައިންސްވެރިއެކެވެ.

ސާހީން ވިދާޅުވީ ކެންސަރަށް ފަރުވާ ހޯދުމުގައި މިހާރު ވެސް ބައޯއެންޓެކް އަށް ވަރަށް ރަނގަޅު ނަތީޖާތަކެއް ހާސިލް ކުރެވިފައިވާ ކަމަށާއި އެހެންކަމުން ކެންސަރަށް ފަރުވާއެއް ހޯދުމުގެ މަސައްކަތުގައި ދާދި އަވަހަށް ކާމިޔާބާއި ހަމައަށް ވާސިލް ވެވިދާނެ ކަމަށެވެ.

ނަމަވެސް ކެންސަރަށް ފަރުވާއެއް ހޯދައި އެފަރުވާ އާއްމުކޮށް މީހުންނަށް ލިބޭވަރު ކުރަން ހޭދަވާނެ މުއްދަތެއް އޭނާ ވިދާޅެއް ނުވެއެވެ.

ސާހީން ވިދާޅުވީ ކޮވިޑް-19 އަށް އުފެއްދި ވެކްސިން ކާމިޔާބު ވުމަކީ ވެކްސިން އުފެއްދުމުގެ މަސައްކަތައް ގެނެވުނު އާދަޔާއި ހިލާފު ބަދަލެއް ކަމަށެވެ. ކޮވިޑް ވެކްސިން އުފެއްދުމުގައި ލިބުނު ކާމިޔާބީގެ ސަބަބުން ބައޯއެންޓެކް އަށް ވެސް އިތުރު ފުރުސަތުތައް ފަހިވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮވިޑް-19 އަށް ވެކްސިން އުފެއްދުމުގައި ބައޯއެންޓެކް އިން ބޭނުންކުރީ އެމްއާރްއެންއޭ ޓެކްނޮލޮޖީއެވެ. މިއީ ވެކްސިނެއް އުފެއްދުމުގައި މިޓެކްނޮލޮޖީ ބޭނުންކުރި ފުރަތަމަ ފަހަރެވެ.

ސާހީން ވިދާޅުވީ ބައޯއެންޓެކް އާއި ފައިޒާ ގުޅިގެން އުފެއްދި ކޮވިޑް ވެކްސިނަކީ އެއްތަނުން އަނެއްތަނަށް އުފުލަން އުނދަގޫ ވެކްސިނެއް ކަމަށް ވާތީ ވެކްސިންގެ ދެވަނަ ވާޝަނެއް އުފެއްދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ. ދެވަނަ ވާޝަންގެ ވެކްސިން ވެގެން ދާނީ އެއްތަނުން އަނެއްތަނަށް އުފުލުމާއި ރައްކާކޮށްފައި ބަހައްޓަން ފަސޭހަ ވެކްސިނަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.