ފަތުރުވެރިކަން ކުރިއަރާފައިވާ އޭޝިއާގެ އެއް ގައުމަކީ ތައިލެންޑެވެ. ދިވެހީން ވެސް ވަރަށް ގިނަ އިން ޗުއްޓީ ހޭދަކޮށްލުމަށް ތައިލެންޑަށް ދާއިރު، އެ ގައުމަށް ދަތުރުކުރާ ފަތުރުވެރިން ކަރަންޓީނުގައި ޔޮޓްތަކުގައި ތިބެވޭނެ ގޮތް ވަނީ ހދައިފައެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަން އައުމުގެ ކުރިން ކޮންމެ ދުވަހަކު 40،000 އާއި 50،000 އާ ދެމެދުގެ އަދަދަކަށް އެ ގައުމަށް ފަތުރުވެރިން ޒިޔާރަތް ކުރިއެވެ. އެކަމަކު، ބަލިމަޑުކަން އައި ފަހުން އެ އަދަދުތައް ވަރަށް ބޮޑު ތަނުން ދަށަށް ގޮސް އިގްތިސާދީ ބޮޑު ހީނަރުކަމެއް އެ ގައުމަށް ކުރިމަތިވިއެވެ.

ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ތައިލެންޑަށް ދަތުރުކުރާ ފަތުރުވެރިންގެ އަދަދު ދަށްވުމާ ގުޅިގެން އެ ގައުމުގެ ފަތުރުވެރިކަމާއި ބެހޭ މިނިސްޓަރު ވަނީ ފަތުރުވެރިކަން ކުރިއެރުވުމަށް ބޮޑު ޕްލޭނެއް ރާވަމުން އަންނަ ކަމަށް މީގެކުރިން ހާމަކޮށްފައެވެ.

ތައިލެންޑު ސަރުކާރުން އެކުލަވާލި ފަތުރުވެރިކަމުގެ އާ ޕްލޭނުގެ ދަށުން ފަތުރުވެރިންނަށް ކަރަންޓީނުގައި ޔޮޓް ތަކުގައި ތިބެވޭނެއެވެ. މިގޮތަށް ޔޮޓްގައި ކަރަންޓީނުގައި ތިބެވޭނީ ވަކި ޝަރުތުތަކެއް ހަމަވެގެން ކަމަށް އެ ގައުމުގެ ސަރުކާރުން ބުނެއެވެ.

އެގޮތުން ތައިލެންޑު ސަރުކާރުން ބުނީ ކޮވިޑް-19 އަށް ނައްސި ޓެސްޓެއް ދައްކާ ފަތުރުވެރިންނަށް ޔޮޓް ކަރަންޓީން ޕްރޮގްރާމުގައި ބައިވެރިވެވޭނެ ކަމަށެވެ. މި ޕްރޮގްރާމުގައި ބައިވެރިވާ ފަރާތްތައް ޔޮޓް އަދި ކްރޫޒް ތަކުގައި ތިބޭނީ ފުކެޓް ހިސާބުގައެވެ. މިއީ ފަތުރުވެރިންގެ ވަރަށް މަގުބޫލު މަންޒިލެކެވެ.

ފަތުރުވެރިކަން ކުރިއެރުވުމަށް ތައިލެންޑު ސަރުކާރުން އަލަށް ފެއްޓި މި ޕްރޮގްރާމަށް މިހާރުވެސް ބޮޑު ތަރުހީބެއް ލިބެމުންދާއިރު ފަތުރުވެރިންގެ ރައްކާތެރިކަމަށް ވެސް ބޮޑެތި ގަވާއިދުތަކެއް ވަނީ ހަދައިފައެވެ. އެގޮތުން ފަތުރުވެރިން ޔޮޓް ތަކުގައި ތިއްބަސް ފަތުރުވެރިންގެ ސިއްހީ ހާލަތު ބެލޭނެ އިންތިޒާމުތައް ވަނީ ހަމަޖައްސައިފައެވެ.

މީގެއިތުރުން ތައިލެންޑުގައި ހޮޓަލުގައި ކަރަންޓީނު ވާން ޖެހޭ މުއްދަތު އަންނަ އެޕްރީލް މަހުން ފެށިގެން ކުރު ކުރާ ގޮތަށް ވަނީ ހަމަޖައްސައިފައެވެ. ހެލްތު މިނިސްޓްރީން ބުނީ ވެކްސިން ޖަހާފައިވާ މީހުންނަށް ދެން ކަރަންޓީނު ވާން ޖެހޭނީ ހަފުތާއަކަށް ކަމަށެވެ. ވެކްސިން ނުޖަހާ މީހުން ވެސް 14 ދުވަހު ކަރަންޓީނުގައި ތިބުމުގެ ބަދަލުގައި މިހާރު ވަނީ 10 ދުވަހަށް ކަރަންޓީނުގެ މުއްދަތު ކުރުކޮށްފައެވެ.

ނަމަވެސް އެފްރިކާ އިން ދަތުރު ކުރާ މީހެއް ނަމަ ތައިލެންޑުގައި 14 ދުވަހު ކަރަންޓީން ވާން ޖެހޭނެއެވެ. އެއީ އެފްރިކާގައި މިހާރު ކޮވިޑްގެ އާ ވޭރިއަންޓެއް ފެތުރެމުންދާ އިރު، ވެކްސިން ޖަހައިގެން އެ ވައިރަހުން ރައްކާތެރިވާ ކަން އަދި ކަށަވަރު ނުވާތީއެވެ.