ތިން އަހަރުގެ މެދުކެނޑުމަކަށް ފަހު ޔަމަނުން ގަތަރާއި އެކު ހާރިޖީ ގުޅުން ގާއިމްކޮށް، އެއްގަލަކަށް އަރައިފިއެވެ.

ޔަމަނުން ގަތަރާ ގުޅުން ކަނޑާލާ، އެގައުމަށް ކަނޑުންނާއި އެއްގަމުންނާއި ވައިގެ މަގުން ކުރާ ދަތުރުތައް ހުއްޓާލީ ގަތަރުން ޓެރަރިޒަމަށް ހަރަދު ކުރާ ކަމަށާއި، ސަރަހައްދީ ގޮތުން އެގައުމުތަކާ އެންމެ ވާދަވެރި އީރާނާ ގާތް ގުޅުންތައް ބާއްވާ ކަމަށް ބުނެ އެވެ. ނަމަވެސް ގަތަރުން އެ ތުހުމަތުތައް ދޮގު ކުރެ އެވެ.

ގަތަރުން އީރާންއަށް އެއްބާރުލުންދޭކަމަށް ބުނެ 2017 ވަނަ އަހަރު ޔަމަން ސަރުކާރުން ވަނީ އެގައުމާއި އެކު އޮންނަ ސިޔާސީ އަދި ވިޔަފާރީގެ ގުޅުންތައް މެދު ކަނޑާލާފައެވެ. އެއީ ސައުދީ އަރަބިއްޔާ އިސްވެ އޮވެ ނިންމި ނިންމުމުގެ ސަބަބުންނެވެ.

ތިން އަހަރަށް ވުރެ ގިނަ ދުވަހަށް މެދުކެނޑިގެން ދިޔަ މިގުޅުން ގަތަރާއި އެކު އަލުން ގާއިމްކުރުމަށް ނިންމިކަން ޔަމަން ސަރުކާރުން ވަނީ ދާދިފަހުން އިއުލާނުކުރައްވާފައެވެ.

ޔަމަނުގެ ޚާރިޖީ ވުޒާރާއިން ވިދާޅުވި ގޮތުގައި ދެ ގައުމުގެ ހާރިޖީ ވަޒީރުން ގަތަރުގެ ދޯހާގައި ބައްދަލުކުރައްވާ އެ ދެ ގައުމުގެ ދެމެދުގައި އޮތް ހާރިޖީ ގުޅުން އަލުން ގާއިމުކުރުމާ ގުޅޭގޮތުން އެއްބަސްވުމަކާ ހަމައަށް ވަނީ އާދެވިފައެވެ.

ޖެނުއަރީ މަހު ސަޢުދީ ޢަރަބިއްޔާގައި ބޭއްވި ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީސީސީ) ސަމިޓުގައި ސައުދީ އާއި ޔޫއޭއީ އާއި ބަހުރައިން އިން ވަނީ ގަތަރާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް އުވާލަން ނިންމާފަ އެވެ. އެއީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި ކުވޭތު މެދުވެރިގެން ބޭއްވި މަޝްވަރާތަކަށް ފަހުއެވެ. އެނިންމުމުގެ ފަހުން އެގައުމުތަކުގެ ބޯޑަރު ވަނީ ގަތަރަށް ހުޅުވާލާފައެވެ.