އިންޑިޔާގެ ކެރެލާގައި ހަލުވި ކަމާއެކު ފެތުރުނު ނިޕާ ވައިރަސް ޖެހިގެން މަރުވި މީހެއްގެ އާއިލާއިން އޭނާގެ ހަށިގަނޑާ ހަވާލު ނުުވުމުން ވަޅުލުމުގެ ކަންތައްތައް ޑޮކްޓަރުންކޮށްފިއެވެ.

އިންޑިޔާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ވަޅުލާފައިވަނީ 25 އަހަރުގެ ފިރިހެނެއްގެ ހަށިގަނޑެއް ކަމަށެވެ. އަދި މިމީހާގެ ބައްޕަ ނިޕާ ވައިރަސްގައި މަރުވެފައިވާ ކަމަށާއި މަންމަވަނީ ނިޕާ ވައިރަސް ޖެހުނު ކަމަށް ޝައްކު ކުރެވޭތީ އެކަހެރިކޮށްފައި ކަމަށްވެސް ނޫސްތަކުން ރިޕޯޓްކޮށްފައިވެއެވެ.

އަދި އޭނާގެ އާއިލާގެ އިތުރު މީހަކު މިބަލި އަރާފާނެތީ ހަށިގަނޑާ ހަވާލުނުވުމުން އެމީހާ ބެލި ޑޮކްޓަރ ކަމަށްވާ ޑރ.ގޮޕްރާ ކުމާރުވަނީ މިމީހާ ވަޅުލުމުގެ ހުރިހާ ކަންތަކެއް ހަމަޖައްސާ އަމަލީ ގޮތުން އެކަންތައްކޮށްފައެވެ.

ނިޕާ ބައްޔަކީ މިބަލި ޖެހިފައިވާ މީހުންގެ ދަލުންނާއި ކުޅުން އަދި ކުޑަކަމުދާ އެއްޗެހިން ފެތުރޭ ބައްޔެކެވެ. މިބައްޔަށް އަދި ފަރުވާއެއް ހޯދިފައި ނުވާކަމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ބުނެއެވެ. މިވައިރަސް ޖެހުމުގެ ސަބަބުން ސިކުޑީގެ ޓިޝޫތައް ދުޅަވެ، ބައެއް ހާލަތުގައި މީހާ ކޯމާއަކަށްވެސް ދެއެވެ.